ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން ކުރާ ދައުވާގެ ޝަރީއަތް ފެމިލީ ކޯޓުން މިއަދު ފަށައިފި އެވެ.

ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅުވައިގެން އެމްޑީޕީގެ މުޒާހަރާއެއްގައި ވާހަކަ ދެއްކި ކަމަށް ބުނެ މަންދީގެ މައްޗަށް ފެމިލީ ކޯޓާއި ސިވިލް ކޯޓުގައި ވެސް މަންދީގެ މައްޗަށް ފަސްޓްލޭޑީ ވަނީ ދައުވާ ކުރައްވައިފަ އެވެ.

އެ މައްސަލާގައި މިއަދުގެ އަޑުއެހުމުގައި ފެމިލީ ކޯޓުން ޝަރީއަތް ފެށިއިރު, އެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. މިއީ ރާއްޖޭގެ ފަސްޓްލޭޑީއަކު އާންމު ރައްޔިތަކާ ދެކޮޅަށް ދައުވާކުރާ ފުރަތަމަ ފަހަރެވެ.

އެ މައްސަލާގައި ރައީސްގެ އަނބިކަނބަލުންގެ ފަރާތުން ދައުވާ ހުށަހެޅުމުން ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދާރީވާން ވަނީ ފުރުސަތު ދީފަ އެވެ.

އެ މައްސަލާގައި މަންދީގެ އިތުރުން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް ވެސް ފަސްޓްލޭޑީގެ ފަރާތުން ދައުވާކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް އަދި ނުފަށަ އެވެ.

މަންދީގެ މައްޗަށް އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ފަށައި, އޭނާގެ ފޮޓޯ އާއި އަޑު ނެގުމަށް ވެސް ކޯޓު އަމުރު ވެސް ވަނީ ނެރެފަ އެވެ.