ސްޓޫޑަންޓު ލޯނުތަކާއި ސްކޮލަޝިޕުގައި ކިޔަވާ ކުދިންނަށް ލިބެން ޖެހޭ ފައިސާ ޖަމާވުން ލަސްވަނީ ފައިސާ ޖަމާކުރަން ޖެހޭ ބޭންކު އެކައުންޓުގެ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވަނީ ސްޓޫޑެންޓް ލޯނު އަދި ސްކޮލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް ފައިސާ ޖަމާކުރުމާއި ދައްކަންޖެހޭ ޓިއުޝަން ފީތައް ދެއްކުން ލަސްވާތީ މި ފައިސާތައް ދެއްކުން ލަސްވަނީ ކީއްވެކަމާއި، އެގޮތަށް ލަސްވުމަށް މެދުވެރިވާ ސަބަބު ނައްތާލުމަށް ކުރެވިފައިވާ މަސައްކަތަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މެންބަރު އަޒާންގެ ސުވާލަށް ޖަވާބު ދެއްވާ މިނިސްޓަރު ހައިދަރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ބައެއް ހާލަތްތަކުގައި ދަރިވަރަށް ފައިސާ ޖަމާކުރުމުގައި ދަތިތަކެއް އަންނަ ކަމަށާއި ބައެއް ދަރިވަރުން ފޮނުވާ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުންވެސް ލަސްވާ ކަމަށެވެ.

އެ ގޮތުން ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންގެ ފައިސާ ހަމަޖެއްސޭހާ ވަގުތު އޮއްވާ ފުރާ ދުވަސް މިނިސްޓްރީއަށް އަންގައިފި ނަމަ އެ ދަރިވަރަކަށް ދެ މަސް ދުވަހުގެ ސްޓައިޕެންޑާއި އެހެން ކަންކަމަށް ދޭ ފައިސާ ޑޮލަރުން ދޭ ކަމަށާއި ސްކޮލާޝިޕް ފުރިހަމަ ކުރަމުންދާ ދަރިވަރުންގެ ޓިއުޝަން ފީ ޖަމާކުރާނީ އެދަރިވަރަކު ތައުލީމު ހާސިލުކުރަމުންދާ ޔުނިވާސިޓީއަށްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ޓިއުޝަން ފީ ދެއްކުމަށާއި ސްޓައިޕެންޑް ޖަމާކުރުމަށްޓަކައި މިނިސްޓްރީއާ ދަރިވަރުން ހިއްސާ ކުރާ ބޭރުގެ ބޭންކު އެކައުންޓުގެ މައުލޫމާތު ބައެއް ހާލަތްތަކުގައި ފުރިހަމަ ނުވުމުގެ ސަބަބުން ފައިސާ ޖަމާކުރުމުގައި ދަތިތަކާއި ކުރިމަތިވާ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

"ޓިއުޝަން ފީ ދެއްކުމަށާއި ސްޓައިޕެންޑް ޖަމާކުރުމަށްޓަކައި މިނިސްޓްރީއާ ދަރިވަރުން ހިއްސާ ކުރާ ބޭރުގެ ބޭންކު އެކައުންޓުގެ މައުލޫމާތު ބައެއް ހާލަތްތަކުގައި ފުރިހަމަ ނުވުމުގެ ސަބަބުން ފައިސާ ޖަމާކުރުމުގައި ދަތިތަކާއި ކުރިމަތިވެއެވެ،" މިނިސްޓަރު ހައިދަރު ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ.

މިފަދަ ހާލަތްތަކުގައި މައުލޫމާތު ފުރިހަަމަ ކުރަން ޔުނިވާސިޓީއަށާއި ދަރިވަރަށް މިނިސްޓްރީން އެންގި ނަމަވެސް އެ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު އަލުން މިނިސްޓްރީއަށް ހުށަހެޅުމުގައި ވެސް ވަގުތުތަކެއް ހޭދަވާ ކަން މިނިސްޓަރު ހައިދަރު ފާހަގަކުރެއްވި އެވެ.

އެހެންކަމުން މި މައްސަލަ ހައްލުކުރުމަށްޓަކައި ފައިސާ ޖަމާކުރުމަށް ބޭނުންވާނެ ފުރިހަމަ މައުލޫމާތު ހިމެނޭ ގޮތަށް މައުލޫމާތު ކަރުދާހެއް ތައްޔާރުކޮށް ދަރިވަރުންނާއި ހިއްސާކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.