ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، ހައްވާ ޔުމްނު ރަޝީދުގެ ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަވަން ފެށްޓެވުމުން މަޖިލީހުގެ ރިޔާސަތުން އެކަމަށް ހުރަސްއަޅުއްވައިފި އެވެ.
މިއަދުގެ ޖަލްސާގައި ބަހުސްކުރެވެމުންދިޔައީ ބޯހިޔާވަހިކަމުގެ ބިލަކަށެވެ. މި ބިލަށް ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، މުޖުތަމައުގެ މައިގަނޑު މައްސަލަތައް ގުޅިފައިވަނީ ބޯހިޔާވަހިކަމާ ކަމަށެވެ. އަދި މިކަމާ ގުޅުވައިގެން ޔުމްނުގެ ހާދިސާއަށް އިޝާރާތްކުރައްވައި، އެ ހާދިސާގައި ކަންހިނގާދިޔަގޮތާމެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް، މީކާއިލްއަށް އިންޒާރު ދެއްވައި، ބަހުސްކުރެވެމުންދާ ބިލުގެ މައުޟޫއަށް ވާހަކަފުޅު ބައްޓަންކުރެއްވުމަށް އެދިވަޑައިގަތެވެ. އެހެން ނަމަވެސް، މީކާއިލް ދެކިވަޑައިގަންނަވާ ގޮތުގައި ޔުމްނުގެ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅުންހުރި ކަމެކެވެ.
މީކާއިލް އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދެވުމުން، ރިޔާސަތުން އެ މެންބަރުގެ ވާހަކަފުޅު ހުއްޓުވައި، އެހެން މެންބަރަކަށް ފުރުސަތު ދެއްވި އެވެ. މިކަމާ ގުޅިގެން މީކާއިލް ވިދާޅުވީ، ފުރުސަތު ގެއްލުނު ނަމަވެސް، ޔުމްނުގެ މައްސަލައިގައި ކަންހިނގާދިޔަ ގޮތުގެ ވާހަކަ ދައްކަވާނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ. އަދި މި މައްސަލައިގައި ތަހުގީގު ކުރިއަށްދާ ގޮތާމެދުވެސް ސުވާލު އުފައްދާފައިވެ އެވެ.