މިދިޔަ ހަފްތާގައި ޕާކިސްތާނުގެ ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރިން ކަޝްމީރުގެ އިންޑިއާ ފަޅީގެ އަވަށެއް ކަމަށްވާ ޕަހަލްގަމްއަށް ޓެރަރިސްޓް ހަމަލާއެއް ވަނީ ދީފަ އެވެ.

މި ހަމަލާއާއެކު ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ސޯޝަލް މީޑިއާގައި އެ ހަމަލާއާ ދެކޮޅަށް އަޑު އުފުލަމުން ގެންދާއިރު އެންމެ ފަހުން އެ ލިސްޓަށް އިތުރުވީ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ އެވެ.

މިފަހުން އޮތް އެވޯޑް ހަފްލާއެއްގައި ވާހަކަ ދައްކަމުން ސުނިލް ވަނީ ޓެރަރިސްޓް ހަމަލާތަކާއެކު ވެސް ބިރު ކަނޑާލައި ކަޝްމީރަށް ދާން އިންޑިއާގެ ރައްޔިތުންގެ ކިބައިން އެދިފަ އެވެ.

އެގޮތުން އޭނާއަށް ދެން އެންމެ އަވަހަށް ލިބޭ ޗުއްޓީއެއްގައި ދާނީ ވެސް ކަޝްމީރަށް ކަމަށް ވެސް ސުނިލް ވަނީ އެ ހަފްލާގައި ބުނެފަ އެވެ.

ސުނިލް ބުނީ ކަޝްމީރުގެ މަސްލަހަތު ނަގާލަން ޓެރަރިސްޓުން ކުރާ މަސައްކަތް ނާކާމިޔާބު ކުރުމަށްޓަކައި އިންޑިއާ ރައްޔިތުން އެއް ބަސް ކިޔައި އާ ހިތްވަރަކާއެކު ކަޝްމީރު އަލުން އާރާސްތު ކުރަންޖެހޭ ކަމަށެވެ.

"އެމީހުންގެ އެ ހަމަލާތަކުން އަހަރުމެން ފަހަތަށް ނުޖެހޭނެކަން އެމީހުންނަށް އަންގައިދޭން އެބަޖެހޭ" ސުނިލް ބުންޏެވެ.

ޕަހަލްގަމްއަށް ދިން ހަމަލާއާއެކު އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ހީނަރުވެ ދެގައުމުގެ އަސްކަރިއްޔާ ވެސް ވަނީ ކުއްލި ހާލަތަށް އައިސްފަ އެވެ.

އިންޑިއާގެ ސަރުކާރުން ވަނީ މި ހަމަލާއާއެކު އެ ގައުމުގައި ތިބި ޕާކިސްތާނުގެ ހުރިހާ ރައްޔިތުން އެގައުމުން ފައިބަން 48 ގަޑިއިރުގެ މުހުލަތެއް ދީފަ އެވެ.

މީގެ އިތުރުން ވެސް ބައިނަލްއަގްވާމީ މަޝްރަހުގައި އެކި ގޮތްގޮތުން ޕާކިސްތާނަށް ފިއްތުންތައް ކުރިމަތި ކުރުވަން އިންޑިއާއިން މިހާރު ވަނީ ފަށާފަ އެވެ.