މާލޭގެ އޮފީހެއްގެ ތެރެއިން އަތުލައިގަތް 49,000 އަށް ވުރެ ސިނގިރޭޓް ފޮށި އަނބުރާ ހަވާލުކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ހުކުމްކޮށްފި އެވެ.

ހ. ހުޅުގަލީގައި ހިންގާ އޮފީހެއްގައި ސިނގިރެޓް އުފައްދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު ފުލުހުން އެތަން ފާސް ކުރިއިރު ގިނަ އަދަދެއްގެ ދުންފަތް ފެނިފައިވެ އެވެ. އެއީ ރެއިޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ކުއްޔަށް ނަގާފައިވާ ތަނެކެވެ.

އޭރު ފުލުހުން ބުނެފައިވާ ގޮތުން އެތަނުން 49,000 ސިނގިރެޓް ފޮށި ފެނިފައިވެ އެވެ.އަދި ކުންފުނީގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފައިވާ ކަމަށާއި އަދި އަތުލައިގަތް ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށް ފުލުހުން މީޑިއާގައި ބުނެފައިވެ އެވެ.

ނަމަވެސް އެތަކެތި އަނބުރާ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން, އެ ތަކެތި އަނބުރާ ހަވާލުކުރަން ފުލުހުން ދެކޮޅު ހަދާފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކުރީ ސިނގިރޭޓާއި ދުންފަތް ވިއްކުމުގެ ލައިސަންސް ހޯދުމަށްފަހު އެ ތަކެތި ހޯދަން ފުލުހުންނަށް ހުށަހަޅައިފިނަމަ އެ ތަކެތި އަނބުރާ ދޭން ޖެހޭނެ ކަމަށެވެ. އަދި ފުލުހުން ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމަށް ވެރިފަރާތުން އެއްބާރުލުން ދޭން ޖެހޭނެ ކަމަށާއި އަދި ތަކެތި އަނބުރާ ހަވާލު ކުރެވެންދެން ރައްކާތެރިކަމާއެކު އެ ތަކެތި ފުލުހުން ބަލަހައްޓަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

ނަމަވެސް އެތަނުން ފެނުނު ހުސް ފޮށިތަކާއި މެޝިންތައް އެއްވެސް ޝަރުތަކާ ނުލައި ތިން ދުވަސް ތެރޭ ހަވާލުކުރަން އެ ހުކުމުގައި ފުލުހުންނަށް އަންގާފައިވެ އެވެ.