މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އާ އެކްސް މެދުވެރިކޮށް ދިން މެސެޖާއެކު އޭނާގެ ސަޕޯޓަރުންގެ މެދުގައި އިތުރު ކަންބޮޑުވުންތަކެއް އުފެދިއްޖެ އެވެ.
އެކްސް މެދުވެރިކޮށް ޖަސްޓިން ކޮށްފައިވާ އެޕޯސްޓްގައި އޭނާ ދައްކާފައިވަނީ ދިރިއުޅުމާއި ދިރިއުޅުމުގައި ގެންގުޅެންޖެހޭ ގުޅުންތަކުގެ ވާހަކަ އެވެ.
އެގޮތުން ކޮންމެ މީހަކީ ވެސް ކުށް ކުރެވިދާނެ މީހެއް ކަމަށާއި އެކަކު އަނެކަކަށް މައާފު ކުރުމުގެ މުހިއްމުކަން ޖަސްޓިންގެ ޕޯސްޓްގައި ފާހަގަ ކޮށްފައިވެ އެވެ. އެއާއެކު އަނެކުންނާ ބެހޭގޮތުން ޔަގީންނުވާ ވާހަކަ ދެއްކުމަކީ އޭނާގެ މިޒާޖު ނޫން ކަމަށާއި އެހެން ނަމަވެސް އެކަން ކުރާ ހިތްވާ ކަމަށް ވެސް ޖަސްޓިން ބުނެފައިވެ އެވެ.
މި ޕޯސްޓާއެކު ޖަސްޓިންގެ ސަޕޯޓަރުން ވަނީ އޭނާގެ ހާލަތު އިތުރަށް ދަށްވަމުން އަންނަ ކަމަށާއި ވީހާވެސް އަވަަހަކަށް ފަރުވާ ބޭނުންވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަން ފަށާފަ އެވެ.
ޖަސްޓިން މި ބީދައިން ވާހަކަ ދައްކާފައި މިވަނީ އޭނާއާއި އޭނާގެ އަންހެނުން ހެއިލީ ބީބާގެ ކައިވެނި ރޫޅިފައިވާ ކަމަށް މީޑިއާގައި އަޑު ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ޖަސްޓިންއާއި ހެއިލީ ވެސް ވަނީ ސޯޝަލް މީޑިއާގައި އެކަކު އަނެކަަކު އަންފޮލޯ ކޮށްފައި ކަމަށް ހޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.
މި ފަހަކަށް އައިސް ޖަސްޓިންގެ ފަރާތުން ފެންނަ އާދަޔާ ހިލާފު ކަންކަމުގެ ސަބަބުން އޭނާގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތާމެދު ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.