މި މަހުގެ 18 ވަނަ ދުވަހު، ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި 9 މީހެއްގެ ފޯނު ހިފަހައްޓާ ފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ 2025 އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެއީ އެއީ ޖުމުލަ 9 މީހެއްގެ ފޯނު ކަމަށް ފުލުހުން ބުންޏެވެ.
ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން އޭނާއާ އެކު އެ ވަގުތު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް ވަނީ ޖަހާފަ އެވެ.
ރައުދު ބަންދުގައި ބެހެއްޓުމަށް ނެރުނު ކޯޓު އަމުރުގައި ވާގޮތުން ޔުމްނު ވެއްޓުމުގެ ކުރިން އެރޭ ރައުދުއާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވެ އެވެ.
އަދި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
މީގެ އިތުރުން އާއްމުންގެ ފާޑުކިޔުންތައް ފުލުހުންގެ އިދާރާއަށް އަމާޒުވެފައިވަނިކޮށް ފުލުހުން ވަނީ ޔުމްނު ވެއްޓުނުރޭ އޭނާއާއެކު ޕާޓީއެއްގައި އުޅުނު ޒުވާނުންގެ ވަނަވަރު ހާމަކޮށް، ޕާސްޕޯޓް ހިފަހައްޓާފަ އެވެ.
ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ފުލުހުންނާއި އިދާރާތަކުގެ އިހުމާލު ވާކަމަށް ބުނެ ގިނަ އަދަދެއްގެ ޒުވާނުން ދަނީ މަގުތަކަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. އެގޮތުން ސިލްސިލާކޮށް ކުރިއަށް ގެންދާ އެ މުޒާހަރަތާކުގައި ރޭވެސް ވަރަށް ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. އަދި އިހުމާލުވާ ސަރުކާރު އިދާރާތަކުގެ ވެރިންގެ އިސްތިއުފާއަށްވެސް ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން ރޭގެ މުޒާހަރާގައި ޒުވާނުންގެ ގިނަ ޑިމާންޑްތަކެއް އިއްވާފައިވެ އެވެ.