ޒުވާނުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދޭ ކޮމިޓީގެ އިތުރު ތިން މެންބަރަކު އިސްތިއުފާ ދީފި އެވެ.
މި ކޮމިޓީގެ މެންބަރުކަމުން އިސްތިއުފާ ދީފައިވަނީ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ދަންނަ ހުވައިނާ މުހައްމަދު ނިހާދު (ހުވޭ) އާއި ގައުމީ ނެޓްބޯޅަ ކުޅުންތެރިޔާ އާމިނަތު ރަބާބްގެ އިތުރުން ނިމާލް ހަމީދު އެވެ.
މި ބޯޑުން އިސްތިއުފާ ދިންކަން ހާމަކޮށް ހުވޭ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ އިން ފެށިގެން މަގާމުން ވަކިވެފައިވާ ކަމަށާއި ހުވޭ އަބަދުވެސް ހުންނާނީ އިންސާފާއި ހަމަހަމަކަމަށް ވަކާލާތު ކުރަމުންދާ ގައުމުގެ ޒުވާނުންނާއެކު ކަމަށެވެ.
މިމަހުގެ 18 ވަނަ ދުވަހު ޒުވާން އަންހެން ކުއްޖަކު އުސް އިމާރާތަކުން ވެއްޓުނު މައްސަލައާ ގުޅިގެން އަޑުއުފުލަމުންދާ ޒުވާނުން ތިބީ އެކަނި ނޫން ކަމަށާއި މިއީ ކޮންމެ މީހަކު ކުރި ނަމަވެސް އެކަމަކަށް ޒިންމާދާރު ކުރުވުމުގެ ޒަމާނެއްގެ ފެށުން ކަމަށް ހުވޭ ބުންޏެވެ.
ހުވޭ ވަނީ މިމައްސަލަ އާ ގުޅިގެން ވަކާލާތު ކުރުމަށާ އިންސާފު ލިބެން ޖެހޭނެ ކަމަށް ވެސް ބުނެފަ އެވެ.
ހުވޭގެ އިތުރުން ދެން މި މަގާމުން އިސްތިއުފާދިން ރަބާބު ބުނީ އޭނާ މި ކޮމިޓީއާ ގުޅުނީ އެތުލީޓުންނަށް ސަޕޯޓުކުރުމުގެ ނިޔަތުގައި ކަމަށްވީ ނަމަވެސް ތެދުވެރިކަމާއި ހާމަކަން ނެތްތަނަކަށް ތާއީދު ނުކުރެވޭނެ ކަމަށެވެ.
މިއާއެކު ރަބާބު ވެސް ވަނީ އިންސާފު ހޯދުމަށްޓަކައި ޒުވާނުންނާއި ރައްޔިތުން ކުރާ މަސައްކަތަށް ތާއީދު ކުރުމުގައި ދެމި ހުންނާނެ ކަމަށް ބުނެފަ އެވެ.
ތިން މެންބަރަކު މި ބޯޑުން ވަކިވެފައިވާއިރު މި ބޯޑުގެ ރައީސް ކަމުގެ މަގާމުގައި ހުރި ދާއޫދު އަހުމަދު ޒިލާލު ވަނީ މިމަހުގެ 24 ވަނަ ދުވަހު އެ މަގާމުން ވަކިކޮށްފަ އެވެ.
މަސްތުވުމާއި ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ދާއޫދު މަގާމުން ވަކިކުރިކަން ހާމަކޮށްފައި ވަނީ ރައީސްގެ ތަރުޖަމާނު ހީނާ ވަލީދު އެވެ. ހީނާ ވިދާޅުވީ ޒުވާނުންގެ ކޮމިޓީން ދާއޫދު އިސްތިއުފާ ދިނުމަށް ހުށަހަޅާފައިވާތީ ރައީސް މުހައްމަދު މުއިއްޒު އޭނާ އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ކޮބާ ތިކޮމެޓީގެ ދެން ތިބި މެމްބަރުން،އެމީހުން އިސްތިއުފާ ނުދިނީ ކީއްވެގެންބާ؟
ރިޕްލައި