ގޮނޑުދޮށެކޭ ބުނުމުން އަހަރުމެންގެ ހިތަށް އަންނަނީ ސާފު ހުދު ދޮން ވެލީގެ ގޮނޑުދޮށްތަކެވެ. ނުވަތަ ހުދު ނޫނަސް އެކި ކުލަކުލައިގެ ވެލީގެ ގޮނޑުދޮށްތަކެވެ.
އެހެން ނަމަވެސް މިފަހަރު މިއޮތީ މުޅިން ތަފާތު ގޮނޑުދޮށެއްގެ ވާހަކަ އެވެ. އެ ގޮނޑުދޮށަކަށް ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ޒިއާރަތްކުރާ ހާއްސަ ސިފަތަކެއް ލިބިގެންވާ ގޮނޑުދޮށެއްގެ ވާހަކަ އެވެ.
ހުޅަނގު އޮސްޓްރޭލިއާގެ "ޝާކް ބޭ" ކިޔުނު އައްސޭރި ފަށުގައި 60 ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިގެންވާ "ޝެލް ބީޗް"އަކީ އެ ގައުމުގެ އެންމެ މަގުބޫލު ފަތުރުވެރިންގެ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.
ޝެލް ބީޗްއަށް އެތަނުގެ ހާއްސަކަން ލިބެނީ ވެލީގެ ބަދަލުގައި އެ ގޮނޑުދޮށުގެ އެއްކޮޅުން އަނެއް ކޮޅަށް ހުރި ބޮލީގެ ވައްތަރެއް ކަމަށްވާ ކުދި ރިނދަލިތަކުންނެވެ.
އެ ގޮނޑުދޮށުގެ ބައެއް ސަރަހައްދުތަކުގައި 32 ފޫޓު އަޑިއާ ހަމައަށް ރިނދަލި ހުރެ އެވެ. މުޅި ގޮނޑުދޮށުގައި އެތައް ބިލިއަން ބޮލި ހުންނާނެ ކަމަށް ލަފާކުރެވެ އެވެ.
ވެލީގެ ބަދަލުގައި ރިނދަލިން އުފެދިފައިވާ އެ ގޮނޑުދޮށުގެ ސިއްރަކީ އެ ސަރަހައްދުގެ ދިޔަވަރު ބޮޑުވުން ކަމަށް ސައިންސްވެރިން ހާމަކުރެ އެވެ.
އެއާއެކު އެ ހިސާބަށް ވާރޭ ވެހުން މަދުވުމާއެކު ގޮނޑުދޮށުގައި އެކުލެވޭ ލޮނުގެ މިންވަރު މަތިވުމުން ވެސް އެތަނުގައި ރިނދަލި އާލާވާން މެދުވެރިވެ އެވެ.
ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި 1991 ވަނަ އަހަރު ޝެލް ބީޗް ކަނޑައެޅުމުގެ ކުރިން އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުން އެކި ބޭނުންތަކުގައި އެތަނުން ބޮލި ހޮވައިގެން ގެންދެ އެވެ.
އެހެން ނަމަވެސް އޭގެ ފަހުން އެތަނަކީ އޮސްޓްރޭލިއާގެ ސަރުކާރުންނާއި އެ ސަރަހައްދުގެ އާއްމު ރައްޔިތުން ވެސް ވަރަށް ސަމާލުކަން ދީގެން ބަލަހައްޓާ ތަނެކެވެ.
މިހާރު އެ ގޮނޑުދޮށުން ބޮލި ހޮވުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅިފައި އޮތް ނަމަވެސް މިއަދު ވެސް އެ ގޮނޑުދޮށަށް ޒިއާރަތްކުރާ ފަތުރުވެރިން ސުވެނިއާސްގެ ގޮތުގައި އެތަނުން ބޮލި ހޮވައިގެން ގެންދެ އެވެ.
ޝެލް ބީޗުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އެތަނުގައިވާ ބޮލިތައް ނަމަވެސް އެ ގޮނޑުދޮށާ ގުޅިފައިވާ މޫދުގެ މަޑު އޮއިވަރާއި ހަމަހިމޭން ކަމުގެ ސަބަބުން ފަތަން ނުދަންނަ މީހުންނާއި ކުޑަކުދިން އެތަނަށް މޫދަށް އެރެން ވެސް އާދެ އެވެ.
މިއަދު ޝެލް ބީޗް ވެފައިވަނީ ޝާކް ބޭގައި ދިރިއުޅޭ އާއްމުންގެ ދިރިއުޅުމާ ލާމެހިފައިވާ އެތަނުން އެތައް ފައިދާތަކެއް ލިއްބައިދޭ ތަނަކަށެވެ.
އެ ސަރަހައްދުގެ ރައްޔިތުން ދެކޭ ގޮތުގައި ޝެލް ބީޗަކީ އެމީހުންގެ ތަރިކަ މުއްސަނދި ކޮށްދޭ އެ ސަރަހައްދަށް ލިބިފައިވާ ވަރަށް ބޮޑު ޝަރަފެކެވެ.