މިދިޔަ އަންގާރަ ދުވަހު ކަޝްމީރުގެ އަވަށެއް ކަމަށްވާ ޕަހަލްގަމްއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޮލީވުޑްގެ ތަރިން ކަންބޮޑުވުން ފާޅު ކުރަމުން އެބަދެ އެވެ.

އެގޮތުން ބޮލީވުޑްގެ ނަން ހިނގާ ގިނަ ތަރިންތަކެއް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ހަމަލާ ކުށްވެރިކޮށް ހަމަލާގެ އަސަރުކުރި ފަރާތްތަކަށް އިންސާފު ހޯދައިދޭން ގޮވާލާފަ އެވެ.

ޓެރަރިސްޓް ހަމަލާއާ ދެކޮޅަށް އަޑު އުފުލި ތެރޭގައި އަކްޝޭ ކުމާރު، ސަންޖޭ ދަތުވިކީ ކައުޝަލް، ޖާންވީ ކަޕޫރު އަދި ސިދްހާތު މަލްހޯތުރާ ފަދަ ތަރިން ހިމެނެ އެވެ.

އެކްސް މެދުވެރިކޮށް ކުރި ޓްވީޓެއްގައި އަކްޝޭ ބުނެފައިވަނީ އެ ހަމަލާއިން ކުއްލި ސިހުމެއް ލިބިގެންދިޔަ ކަމަށާއި ކުށެއް ނެތް ބަޔަކު މެރުމަކީ ލާއިންސާނީ ކަމެއް ކަމަށެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި މީގެ އަހަރުތަކެއް ކުރިން ހައްޔަރު ކުރެވުނު ސަންޖޭ ދަތު ބުނީ މިއީ މައާފު ކުރެވިގެން ނުވާނެ އަމަލެއް ކަމަށާއި މިކަމުގެ މަތިން ހަނދާން ނައްތާ ނުލާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ހަމަލާގައި އަނިޔާވެ އެކިވަރުގެ ގެއްލުންތައް ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދޭން ބޮލީވުޑްގެ ތަރިން ވަނީ ގޮވާލާފަ އެވެ.

ޕަހަލްގަމް ޓެރަރިސްޓް ހަމަލާގައި މިހާތަނަށް 26 މީހުން މަރުވެ އިތުރު 20 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ރެސިސްޓަންސް ފްރަންޓުން ވަނީ ޕަހަލްގަމްއަށް ދިން މި ހަމަލާގެ ޒިންމާ ނަގާފަ އެވެ.