އަޕްގްރޭޑްކޮށްފައިވާ އެމިރޭޓްސްގެ ބޯއިން 777ގެ ދަތުރުތައް ރާއްޖެ ހިމެނޭ ހެން އިތުރު 8 މަންޒިލަކަށް ފެށުމަށް އެ އެއާލައިނުން ނިންމައިފި އެވެ.
އެ އެއާލައިނުގެ ބޯއިން 777ގެ ދަތުރުތައް ފެށުމަށް ހަމަޖައްސާފައި ވަނީ އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ.
އެމިރޭޓްސްގެ ބޯއިން 777ގެ ދަތުރުތައް ރާއްޖެ ހިމެނޭހެން އިތުރު 8 މަންޒިލަކަށް ފެށުމަށް ނިންމާފައިވަނީ އެ އެއާލައިންގެ ރެޓްރޯފިޓް ޕްރޮގްރާމުގެ ދަށުން އެއާލައިންގެ ފްލީޓުގައި ހިމެނޭ ބޯޓުތައް އަޕްގްރޭޑްކުރުމަށް ފަހު އެވެ. އެމިރޭޓްސްގެ ރެޓްރޯފިޓް ޕްރޮގްރާމުގެ ތެރެއިން ކޮންމެ 3 ހަފްތާއަކުން އެއް އެއާކްރާފްޓެއް އަޕްގްރޭޑްކުރުމަށްފަހު ހިދުމަތަށް ނެރެ އެވެ.
އެމިރޭޓްސްއިން ބުނީ އެ ކުންފުނީގެ ރެޓްރޯފިޓް ޕްރޮގްރާމްގެ ދަށުން އަލަށް ފަރުމާކޮށްފައިވާ ކޮންމެ ބޯއިންއެއްގައި ވެސް ޕްރިމިއަމް އިކޮނޮމީގެ 24 ގޮނޑި އާއި 1-2-1 ފޯމެޓަށް ފަރުމާކޮށްފައިވާ 260 އިކޮނޮމީ ގޮނޑި ހިމެނެ އެވެ. މިގޮތަށް ގޮޑިތައް ފަރުމާކޮށްފައި ވަނީ އެ އެއާކްރާފްޓްގައި ދަތުރުކުރަމުންދާ ފަސިންޖަރުންނަށް އިތުރު ޕްރައިވަސީއެއް ދިނުމަށްކަމަށް އެ އެއާލައިނުން ބުނެ އެވެ.
ބޯއިން 777ގެ ދަތުރުތައް ޖޫން މަހުގެ ފުރަތަމަ ދުވަހު ރާއްޖެއަށް ފަށާއިރު އެންމެ ފުރަަތަމަ ރާއްޖެއަށް ދަތުރުކުރާނީ އެމިރޭޓްސްގެ އީކޭ 658/659 އެވެ. އަދި އޭގެ ފަހުން ޖުލައި 15 ގައި އީކޭ 656/657 އަދި އީކޭ 660/661 ވެސް މި ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
އެމިރޭޓްސްގެ ރެޓްރޯފިޓް ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް، 44 މަންޒިލަކަށް އަޕްގްރޭޑް ކުރެވިފައިވާ އެއާކްރާފްޓްތައް އޮޕަރޭޓް ކުރުމަށް އެ އެއާލައިނުން ވަނީ އަމާޒު ހިފާފަ އެވެ.
އެމިރޭޓްސް އެއާލައިނަކީ ރާއްޖެއަށް އެންމެ ގިނަ ދަތުރުތައް ބާއްވާ އެއް އެއާލައިނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައިސްފައި ވަނީ ވެސް އެމިރޭޓްސްގެ ފްލައިޓްތަކުގަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބައިނަލްއަގުވާމީ 44 އެއާލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރެ އެވެ. މީގެ ތެރޭގައި ޝެޑިއުލް ދަތުރުތައް ބާއްވާ އެއާލައިންތަކާއި، ޗާޓަރު ދަތުރުތައް ބާއްވާ އެއާލައިންތައް ވެސް ހިމެނެ އެވެ.