ރައީސް މުހައްމަދު މުއިއްޒުގެ އަރިހަށް މަސްޖިދުއް ނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ސަލާހުލް ބުދައިރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މަސްޖިދުއް ނަބަވީގެ އިމާމަށް މަރުހަބާ ދަންނަވާ ސައުދީ އަރަބިއާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުމަށް އަލިއަޅުވާލައްވާފަ އެވެ.

މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް މުއިއްޒު ވަނީ މަސްޖިދުއް ނަބަވީގެ އިމާމުގެ މި ދަތުރުފުޅަކީ ވޭތުވެދިޔަ 41 އަހަރުގެ ތެރޭގައި މަސްޖިދުއް ނަބަވީގެ އިމާމަކު ރާއްޖެއަށް ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގެ ތަރައްގީ އަށް، ހާއްސަކޮށް އިސްލާމީ ތައުލީމު ފުޅާކުރުމުގައި ސައުދީ އިން އަދާކުރާ ދައުރު ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވަނީ ހައްޖާއި އުމްރާގެ އަޅުކަމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމާއި، ހައްޖާއި އުމްރާވެރިންނަށް ސައުދީ ސަރުކާރުން ފޯރުކޮށްދެމުންދާ މެހެމާންދާރީ އަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއް ޝައިޚް ޑރ. ސަލާހުލް ބުދައިރު ވާހަކަފުޅުގައި އެމަނިކުފާނަށް ރާއްޖެއިން އެރުވި ދައުވަތާއި މެހެމާންދާރީ އަށް ޝުކުރުއަދާކުރައްވައި ދެގައުމުގެ މެދުގައި އޮތް ގުޅުމަކީ އިސްލާމީ ވަހުދަތުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށް ވިދާޅުވެ، އެގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން އަލިއަޅުވާލައްވާފަ އެވެ.

މިއާއެކު މަސްޖިދުއް ނަބަވީގެ އިމާމު ވަނީ ސައުދީގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައޫދު އާއި އެގައުމުގެ ވަލީއަހުދު ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަބްދުލްއަޒީޒު އަލް ސައޫދުގެ ހެޔޮ އެދުންތައް ރައީސް މުއިއްޒުއަށް އަރިސްކުރައްވާފަ އެވެ.