ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވާސިޓީ ކަމަށްވާ އެމެރިކާގެ ހާވާޑް ޔުނިވާސިޓީ އަށް އެމެރިކާގެ ސަރުކާރުން ދޭ މާލީ އެހީ ކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމުމާ ގުޅިގެން އެމެރިކާގެ ސަރުކާރާ ދެކޮޅަށް ޔުނިވާސިޓީން ދައުވާ ކޮށްފި އެވެ.

ހާވާޑް ޔުނިވާސިޓީން ބުނީ އެ ޔުނިވާސިޓީން މިފަދައިން ނިންމީ އެ ޔުނިވާސިޓީ އަށް އެމެރިކާގެ ސަރުކާރުން ދޭ 2.2 ބިލިއަން ޑޮލަރުގެ ފަންޑުގެ އިތުރުން 1 ބިލިއަން ރުފިޔާ ވެސް ޓްރަމްޕް ސަރުކާރުން ކަނޑާލަން ނިންމާފައިވާ ކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.

ހާވާޑް ޔުނިވާސިޓީގެ ރައީސް އެލެން އެމް ގާބާ ވިދާޅުވީ އެމެރިކާގެ ސަރުކާރުން ދޭ ފަންޑު ހުއްޓާލައިފިނަމަ، ދިރާސާތަކަށް މަޝްހޫރު ހާވާޑް ޔުނިވާސިޓީން ކުޑަކުދިންނަށް ޖެހޭ ކެންސަރާއި، އަލްޒެއިމާގެ ބައްޔާއި ޕާކިންސަން ޑިޒީޒާ ގުޅޭ ގޮތުން ހަދަމުން އަންނަ ދިރާސާތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ފަންޑު ކުރުން ހުއްޓާލުމުގެ އިތުރަށް ޓްރަމްޕްގެ ސަރުކާރުން ހާވާޑް ޔުނިވާސިޓީއަށް ބައިނަލްއަގުވާމީ ދަރިވަރުން ވެއްދުމަށް ދަތިކުރާނެ ކަމަށް ބުނެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

ޔަހޫދީންނަށް ތާއީދުކުރާ ސަރުކާރެއް އޮންނަ އެމެރިކާގެ އެކި ޔުނިވާސިޓީތަކުގައި ޣައްޒާގެ ގަތުލުއާއްމާ ދެކޮޅަށް އަޑުއުފުލުމާ ގުޅިގެން ހާވާޑްގެ އިތުރުން އައިވީ ލީގުގައި ހިމެނޭ އިތުރު ސްކޫލްތަކެއްގެ ވެސް ފަންޑުތައް ހިފަހައްޓާނެ ކަމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ބުނެފަ އެވެ.