ދިވެހިރާއްޖެ މިހާރު ވަނީ މުހިންމު ދަނޑިވަޅެއްގައި ކަމަށާއި، މިވަގުތު ނަގާ ނިންމުންތަކުން ގައުމުގެ މުސްތަގްބަލު ކަނޑައެޅިގެންދާނެ ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕްރޮފެސާ އުގެއިލް ވިދާޅުވީ، ދުނިޔެ މިހާރު ވަނީ އާޓިފިޝަލް އިންޓެލިޖެންސް އަދި ޑިޖިޓަލް ސޮވްރިންޓީ ފަދަ ޓެކްނޮލޮޖީތަކާއެކު ކުރިއަށް ދަތުރުކުރަމުން ކަމަށެވެ. އަދި ގައުމެއްގެ ހައިސިއްޔަތުން، ކޮންކްރީޓް ޑިވެލޮޕްމަންޓަށާއި ފަތުރުވެރިކަމުގެ މައްޗަށް ހަމައެކަނި ބަރޯސާވުމުގެ ވިސްނުމުގައި ތިބެވެން ނެތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހަގީގީ ބަދަލެއް ބޭނުންވާނަމަ ހަގީގީ ސިޔާސަތުތަކެއް ބޭނުންވާނެ ކަމަށެވެ. މީގެ ތެރޭގައި ކޯޑިން އަދި ޑިޖިޓަލް ލިޓަރަސީއަށް ހަމަހަމަ ގޮތެއްގައި ވާސިލުވުމުގެ ފުރުސަތު ދިނުމާއި، ސްޓާޓްއަޕްތަކަށް ފަހި ފަންޑިން އޮނިގަނޑުތަކާއި، އަދި ހަމަހަމަ ކޮޕީރައިޓް އަދި އައިޕީ ގާނޫނުތައް ހިމެނެ އެވެ.
މި ޕޯސްޓަކީ އެހެން ފަރާތަކުން ކުރި ޕޯސްޓެއް ރީޕޯސްޓް ކުރައްވަމުން ޕްރޮފެސަރު އުގެއިލް ކުރެއްވި ޕޯސްޓެކެވެ.
އެ ޕޯސްޓުގައި ބިޓްކޮއިން، އާޓިފިޝަލް އިންޓެލިޖެންސް އަދި އީޖާދީ އައު ވިސްނުންތަކުގެ ދާއިރާއިން ދިވެހިރާއްޖެ ފަހަތަށް ޖެހެމުންދާ ކަމަށް ބުނެފައިވެ އެވެ.