މީޑިއާގެ ސަމާލުކަން ލިބިފައިވާ ޖަސްޓިން ބެލްޑޯނީއާއި ބްލޭކް ލައިވްލީގެ ގާނޫނީ ހަނގުރާމައިގެ ތެރެއިން އިތުރު ވާހަކަތަކެއް ފެންމަތިވެއްޖެ އެވެ.
އެ ދެތަރިންނާއެކު "އިޓް އެންޑްސް ވިތު އަސް"ގައި މަސައްކަތްކުރި ކްރޫ މެމްބަރެއް ކަމަށްވާ ޓާލިއާ ސްޕެންސާ ވަނީ ވަރަށް ފަހުން ސެޓުގައި އެ ދެތަރިންގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
"60 މިނަޓްސް އޮސްޓްރޭލިއާ"އަށް ދިން އިންޓަވިއުއެއްގައި ޓާލިއާ ބުނީ ފިލްމުގެ ޑައިރެކްޓަރަކީ ޖަސްޓިން ކަމަށް ވިޔަސް އޭނާގެ ކިބައިން ފިލްމުގެ ކޮންޓްރޯލް ނަގަން ބްލޭކް މަސައްކަތްކުރި ކަމަށެވެ.
އެގޮތުން ފިލްމު ކުރިއަށް ގެންދާނެ ގޮތުގެ ފަސް މަންޒަރެއް ޖަސްޓިން ގެންގުޅުނު ކަމަށާއި އެހެން ނަމަވެސް ބްލޭކްއާ ހެދި ގިނަ ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް ވެސް ޓާލިއާ ބުންޏެވެ.
ޖަސްޓިންއަށް ތާއީދު ކުރަމުން ޓާލިއާ އިތުރަށް ބުނެފައިވަނީ ކްރޫގެ ހުރިހާ މެމްބަރުން ވެސް ބްލޭކްއަށް ހިތްހެޔޮކަމާއި އިހުތިރާމާއެކު ކަންތައް ކުރި ނަމަވެސް އޭނާ އުޅުނީ އެކަމުގެ ފައިދާ ނަގަން ކަމަށެވެ.
"އިޓް އެންޑްސް ވިތު އަސް"އަށްފަހު ބްލޭކް ޖަސްޓިންއަށް ޖިންސީ ފުރައްސާރައިގެ ދައުވާއެއް ކުރިއިރު އެ މައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގަ އެވެ.