ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)ގެ ޕެޓީ ކޭޝްއިން ހަ ލައްކަ އަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ތިން މީހަކަށް ދައުވާކޮށްދޭން އެދިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީން ބުނީ މި މައްސަލަ ތަހުގީގުކޮށް މިއަދު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ފެނަކަގެ ސައިޓްތަކުގެ ތެރެއިން ސ.ހިތަދޫ ސެންޓްރަލް ޕަވަ ސްޓޭޝަން ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ހިލާފަށް އަމިއްލަ ބޭނުންތަކަށް ބޭނުން ކޮށްފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެ އެވެ.
އެކަމުގައި ތުހުމަތުކުރެވެނީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި އަހުމަދު ސާތިޝް ސައީދު އާއި ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއާ އިންޖިނިއާގެ މަގާމުގައި އޭރު ހުރި މުހައްމަދު އާސިދު އާއި ފެނަކައިގެ ސުޕަވައިޒަރެއްގެ މަގާމުގައި އޭރު ހުރި ހުސައިން އާސިރުގެ މައްޗަށެވެ.
އެގޮތުން އެމީހުންގެ މައްޗަށް ހަތަރު ދައުވާއެއް ކޮށްދޭން ވަނީ އެދިފަ އެވެ. އެއީ ކުށެއްކުރަން އެދުމުގެ ކުށުގެ ދައުވާއާއި، ކުށެއްކުރަން ރޭވުމުގެ ކުށުގެ ދައުވާ، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އަދި ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި ފެނަކަގެ ޕެޓީ ކޭޝްއިން މަދުވި 623,208.80 ރުފިޔާ އަނބުރައި ހޯދުމަށް އޭސީސީން ވަނީ ފެނަކައަށް އަންގާފަ އެވެ.
މައްސަލައިގެ ތުހުމަތުކުރެވޭ ތިން މީހުން ސައްހަނޫން ލިޔުން އުފެއްދިކަން އެނގިފައިވާތީ އެކަން ތަހުގީގު ކޮށްދިނުމަށް ފުލުހަށް ފޮނުވުމަށްވެސް އޭސީސީން ވަނީ ނިންމާފަ އެވެ.
މިވައްކަމުގެ ޙަބަރު ކިޔަމުން ކިޔަމުން ގޮސް މިހާރު ދެން ވަރުބަލި ވެއްޖެ
ރިޕްލައި