އަބަދުވެސް އިވެނީ އާ ޓެކްނޮލޮޖީގެ ސަބަބުން ސިއްހަތަށް ވާ ގެއްލުންތަކުގެ ވާހަކަ އެވެ. މިކަހަލަ ވާހަކައެއް ހަބަރަކުން ނުވަތަ ނޫހަކުން ނުފެންނަ ދުވަހެއް މަދުވާނެ އެވެ.

އެހެން ނަމަވެސް ކޮންމެ ކަމެއްގެ ވެސް ދެފުށް އޮންނަ ފަދައިން ޓެކްނޮލޮޖީގެ ސަބަބުން ސިއްހަތަށް ކުރާ އަސަރުތަކުގެ ވެސް ހެޔޮ ކަންތައްތައް ނުވަތަ ފައިދާތަކެއް ވެސް ހުރެ އެވެ.

ސިއްހަތު މަޖައްލާއެއް ކަމަށްވާ ނޭޗާ ހިއުމަން ބިހޭވިއާ ޖާނަލްގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ޓެކްނޮލޮޖީގެ ސަބަބުން ޑިމެންޝިއާއަށް އޮންނަ ފުރުސަތު ކުޑަކޮށްދޭ ކަމަށެވެ.

އެގޮތުން ފުރާވަރު އަދި ޒުވާން އުމުރުގައި ޓެކްނޮލޮޖީއާއެކު ހަރަކާތްތެރި ސިކުނޑިއެއް ގެންގުޅެވިއްޖެނަމަ އުމުރުން ދުވަސްވުމުން ޑިމެންޝިއާއަށް ހުށައެޅުމުގެ ފުރުސަތު ވަރަށް ބޮޑުތަން ކުޑަވެ އެވެ.

އެ ދިރާސާގައި ބައިވެރިވި އުމުރުން ދުވަސްވީ މީހުންގެ 57 ޕަސެންޓް ނަތީޖާތަކުން ދައްކާ ގޮތުގައި ޓެކްނޮލޮޖީއާއި ސިކުނޑީގެ ވިސްނުމުގެ ބާރާ ހެޔޮ ގުޅުމެއްވެ އެވެ.

ޑިމެންޝިއާއަކީ އުމުރުން ދުވަސްވީ މީހުންގެ މެދުގައި ވަރަށް އާއްމު ސިކުނޑީގެ ބައްޔެކެވެ. މި ބަލީގައި މީީހާގެ ވިސްނުން ކޮށިވެ ހަނދާން ބަލިވުން ފަދަ ކަންތައްތައް ކުރިމަތިވެ އެވެ.