ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކުން ފައިސާ ހޯދޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާ ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި ވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލު ޓިކްޓޮކުން ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

މިގޮތުން މިނިސްޓްރީން ބުނީ މިކަމުގެ މަޝްވަރާތަކަށް ރާއްޖެ އައިސްފައިވާ ޓިކްޓޮކްގެ އިސް ވަފުދަކާ އެކު ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ.

މަޝްވަރާތަކުގައި ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ޓިކްޓޮކްއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްވަރާތައް ޓިކްޓޮކާ އެކު ކޮށްފައި ވަނީ ކުރިއަރަމުން އަންނަ އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެވަޑައިގެންފައިވާ މުހިއްމު ވައުދާ ގުޅިގެން ކަމަށެވެ.

ރާއްޖޭގައި ވެސް ގިނަ ބަޔަކު ޓިކްޓޮކް ބޭނުން ކުރެ އެވެ. ޓިކްޓޮކަކީ މިހާރު ދުނިޔޭގައި އެންމެ މަގުބޫލު ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ތެރެއިން އެއް އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަނުން ކުރު ވީޑިއޯތައް ހަދައި، ބަލައި އަދި ހިއްސާކުރެވެ އެވެ. ޓިކްޓޮކުން ފައިސާ ހޯދުމުގެ ގޮތްތަކުގެ ތެރޭގައި ކްރިއޭޓަ ފަންޑު، ލައިވް ސްޓްރީމިން، ބްރޭންޑް ޕާޓްނަޝިޕްސް، ޓިކްޓޮކް ޝޮޕް އަދި ޓިޕްސް ހިމެނެ އެވެ. ނަމަވެސް ރާއްޖެއަށް މީގެ ތެރެއިން ގިނަ ފީޗާތައް ނުލިބެ އެވެ.