އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޣައްޒާގައި މިވަގުތު ހުރި ހުރިހާ ފަރުވާ ދެވޭ ހަމައެކަނި ހޮސްޕިޓަލަށް އާދިއްތަ ދުވަހު ހަމަލާދީ ސުންނާފަތި ކޮށްލައިފި އެވެ.

މިއީ އިޒްރޭލުގެ ސިފައިން އެ ސަރަހައްދުގައި ހިންގަމުންދާ ހަނގުރާމަ އިތުރަށް ފުޅާކޮށް، ގަދަކުރަމުންދާ ދަނޑިވަޅެއްގައި ދީފައިވާ ހަމަލާއެކެވެ.

މި ހަމަލާގައި އެއްވެސް މީހަކު މަރުވި ކަމަށް ރިޕޯޓުކޮށްފައެއް ނުވެ އެވެ. ނަމަވެސް އަލް-އަހްލީ ބެޕްޓިސްޓް ހޮސްޕިޓަލް ހިންގާ ޖެރޫސަލަމްގެ އެންގްލިކަން ޗާޗުން ބުނެފައިވަނީ ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން މީހުން ހުސްކުރުކުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތު ބޮލަށް އަނިޔާވެފައިވާ ކުޑަކުއްޖަކު ނިޔާވެފައިވާ ކަމަށެވެ.

ވައިގެ ހަމަލާގައި ހޮސްޕިޓަލުގެ ބައެއް ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން އިމަޖެންސީ ރޫމާއި ރިސެޕްޝަން އޭރިއާ ހިމެނޭ ގޮތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ފަލަސްޠީނުގެ ޞިއްޙަތު މިނިސްޓްރީން ބުނެފައިވަނީ ހޮސްޕިޓަލu ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށާއި، މީހުން އެހެން ތިން ހޮސްޕިޓަލަކަށް ދިއުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.

އިޒްރޭލު ސިފައިން ބުނެފައިވަނީ "ހަމާސްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއް" ގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނަކަށް ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް އެކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. އަދި ހަމަލާ ދިނުމުގެ ކުރިން އާންމު ރައްޔިތުންނަށް ގެއްލުން ނުލިބޭނެ ގޮތަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެ އެވެ. ނަމަވެސް ހަމާސްއިން ވަނީ އިޒްރޭލުގެ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފައިވަނީ މިހާރު ބޭނުން ނުކުރެވޭ ހާލަތުގައިވާ އަލް އަހްލީ ހޮސްޕިޓަލުގެ ބޭސްފިހާރަވެސް ހަލާކުވެފައިވާ ކަމަށާއި، 50 ބަލިމީހުން އެހެން ހޮސްޕިޓަލްތަކަށް ބަދަލުކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ނާޒުކު ހާލަތުގައިވާ 40 ބަލިމީހުން ބަދަލު ނުކުރެވި ތިބި ކަމަށްވެސް ބުނެފައިވެ އެވެ. ހޮސްޕިޓަލުގެ ޑައިރެކްޓަރ ފާދިލް ނައީމް ބުނެފައިވަނީ އެތަނުން ނެރުމުގެ ތެރޭގައި މަރުވި ކުއްޖާ މަރުވެފައިވަނީ އޮކްސިޖަން ނުލިބުމާއި ގަދަ ފިނީގެ ސަބަބުން ކަމަށެވެ.

ޣައްޒާގެ އެކި ތަންތަނުގައި ހުރި ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ބޭހާއި އާލާތްތައް ނެތުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުންދާއިރު، ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ އަލް-އަހްލީ އާއި އިންޑޮނޭޝިއާ ހޮސްޕިޓަލަށް ދިއުމަށް ރޭވި ދެ މިޝަން އިޒްރޭލުގެ އިދާރާތަކުން ހުއްދަ ނުދީ ހުއްޓުވާލާފައިވާ ކަމަށެވެ.

އަލް-އަހްލީ ހޮސްޕިޓަލުން ދުވާލަކު އެތައް ބަޔަކަށް ފަރުވާ ދެމުންދެ އެވެ. އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާ ސިޓީގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް-ޝިފާ ހޮސްޕިޓަލް ވަނީ ފާއިތުވި އަހަރު ވީރާނާވެފަ އެވެ.

މި ހަމަލާ ވަނީ އިނގިރޭސިވިލާތާއި ޤަޠަރު އަދި ސަޢޫދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުން ކުށްވެރިކޮށްފަ އެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ޖެނުއަރީ މަހު އަމަލު ކުރަން ފެށިނަމަވެސް، އިޒްރޭލުން ވަނީ އެއްބަސްވުމާއި ހިލާފުވެ، އަލުން ޣައްޒާއަށް ހަމަލާދޭން ފަށާފަ އެވެ. އދ. އިން ބުނާ ގޮތުގައި ފާއިތުވި ތިން ހަފްތާގެ ތެރޭގައި 400,000 މީހުން ވަނީ އެހެން ތަންތަނަށް ބަދަލުކުރަން ޖެހިފަ އެވެ. އަދި މި ހަނގުރާމައިގެ ތެރޭގައި ހޮސްޕިޓަލްތައް ގިނަ ފަހަރަށް ބޭނުންކުރެވިފައިވަނީ ހިމާޔަތް ހޯދުމުގެ ތަންތަނުގެ ގޮތުގަ އެވެ.