މިސައިލް ފޮނުވޭ ފަދަ މަނަވަރެއް ރާއްޖެއަށް ހަދިޔާކުރަން ތުރުކީން ނިންމިކަން އެ ގައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފި އެވެ.
ތުރުކީގެ އަސްކަރިއްޔާއިން މިކަން ހާމަކުރިޔަސް ދިވެހި ސަރުކާރުން އުޅެނީ މިކަން ސިއްރުކޮށްގެނެވެ.
ތުރުކީގެ ނޫސް އެޖެންސީ އަނަދޯލު އިން ވަނީ އެ ގައުމުގެ ދިފާއީ ވުޒާރާގެ އޮފިޝަލުންނާ ހަވާލަދީ މިކަން ހާމަކޮށްފަ އެވެ.
އެ ވުޒާރާއިން ބުނިގޮތުގައި ރާއްޖެއާ އެކު އެ ގައުމުން ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރަނީ މިސައިލު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެކެވެ.
އެ މިސައިލް ބޯޓްތަކަކީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ތުރުކީ ކަނޑުގެ ސިފައިން ބޭނުންކުރަން ފެށި ފުރަތަމަ ބާވަތުގެ މަނަވަރެވެ.
އެ ހަތިޔާރު ބޯޓުގައި މަސައްކަތް ކުރުމަށް ތުރުކީގައި ދިވެހި ސިފައިންނަށް ދަނީ ހާއްސަ ތަމްރީނުތަކެއް ދެމުންނެވެ. އެންމެ ލަސްވެގެން ވެސް އަންނަ މަހުގެ ތެރޭގައި އެ ބޯޓް ރާއްޖެ ގެންނާނެ ކަމަށް ތުރުކީގެ ދިފާއީ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ ރާއްޖެ ގެނައުމުގެ ކުރިން އެ ގައުމުގެ ކަނޑުގެ ސިފައިންގެ ބޯޓްޔާޑެއްގައި ބޯޓް މަރާމާތު ކުރާނެ ކަމަށެވެ. އެ ބޯޓު ރާއްޖެ ގެންނަން ހަމަޖެހިފައި ވަނީ ކަނޑު މަގުން ޑޮކް ލޭންޑިން ބޯޓެއް މެދުވެރިކޮށް ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
އެ ބޯޓާ އެކު ތުރުކީ ކަނޑުގެ ސިފައިންގެ ޓީމެއް ރާއްޖެ އައިސް އެ ބޯޓުގައި ހިމެނޭ މިސައިލް ނިޒާމާއި އެހެނިހެން ވެސް އަސްކަރީ ނިޒާމްތައް އެކްޓިވޭޓް ކުރާނެ ކަމަށް ތުރުކީގެ ދިފާއީ ވުޒާރާއިން ބުންޏެވެ.
އެ ބޯޓަށް ހާއްސަކޮށްފައިވާ ސިފައިންނަށް ރާއްޖޭގައި ވެސް ތަމްރީނުތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.