ސަރުކާރުގެ ޓެކްސީ ހިދުމަތް ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ހާމަކުރައްވައިފި އެވެ.

ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޓެކްސީ ހިދުމަތުގެ މަސައްކަތްތައް އަވަސް ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. މި ގޮތުން ޓެކްސީ ހިދުމަތަށް ބޭނުންވާ ވެހިކަލްތައް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީން އިތުރަށް ވިދާޅުވީ ޓެކްސީ ހިދުމަތަށް ބޭނުންވާ މޮބައިލް އެޕްލިކޭޝަން ތައްޔާރުކުރުމާއި، އިލެކްޓްރިކް ވެހިކަލްތައް ޗާޖުކުރާނެ ސްޓޭޝަންތައް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގައިވާ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ޓެކްސީ ހިދުމަތަކީ ޒަމާންވީ ހިދުމަތެއް ގޮތުގައި ފާހަގަވާ ކަމެއް ނަމަވެސް، އޭގެ ތެރޭގައި އެކި ބާވަތުގެ ޝަކުވާތައް އެބަހުއްޓެވެ.

މީގެ ތެރޭގައި ދަތުރުތައް ނުނެގުމާއި، ބޭނުން ވަގުތެއްގައި ދަތުރު ހުއްޓާލުން ފަދަ ކަންކަން ހިމެނެ އެވެ. އަދި މި ހިދުމަތް ދެމުންދަންދަނީ އެއްވެސް ބާވަތެއްގެ ކޮންޓްރޯލެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.