ގެވެށި އަނިޔާ ލިބިފައިވާ މީހުންނަށް އެހީތެރިވުމަށް ހަދާ "ސޭފް ހޯމް" އެޅުމަށްޓަކައި ސަރުކާރުން، ހުޅުމާލެއިން ބިމެއް ގަތްކަމަށް މިއަދު ސިވިލް ކޯޓުން ކުރި ހުކުމަކުން އެނގިއްޖެ އެވެ.
އެ ކޯޓުގެ ހުކުމުގައިވާ ގޮތުން، މިނިސްޓްރީ އޮފް ފިނޭންސްއާއި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ 31.5 މިލިއަން ރުފިޔާއަށް 10،000 އަކަފޫޓުގެ ބިމެއް ވިއްކާފަ އެވެ. މި ބިމަކީ ހުޅުމާލޭ ލޮޓް ނަންބަރު 11707 (A2-1) އެވެ.
ސިވިލް ކޯޓުން ނިންމާފައިވަނީ ފިނޭންސް މިނިސްޓްރީން މި ބިމަށް ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފައިވާތީ، މިހާރު މި ބިމުގެ މިލްކުވެރި ފަރާތަކީ ފިނޭންސް މިނިސްޓްރީ ކަމަށެވެ.
ސަރުކާރުން ގަނެފައިވާ ސޭފް ހޯމްއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ވަގުތީ ހިޔާވަހިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ ބެލުމުގެ ދަށުން ހިންގާނެ މަރުކަޒެކެވެ. މި މަޝްރޫޢަކީ 2022 ވަނަ އަހަރު ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ލިބުނު އެހީއަކުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ހުޅުމާލޭގެ އިތުރުން، އައްޑޫ ސިޓީ އަދި ރ. އުނގޫފާރުގައިވެސް ސޭފް ހޯމް އެޅުމަށް ކުރިން ވަނީ ނިންމާފަ އެވެ. މި މަޝްރޫޢުގެ ދަށުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިތުރު ރައްކާތެރިކަމާއި އެހީތެރިކަން ލިބިގެންދާނެ އެވެ.