ކުރިއަރަމުން އަންނަ މި ދުނިޔޭގައި ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް އަންނަނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުންނެވެ. އާޓިފިޝަލް އިންޓަލިޖެންސްއާއެކު ދެމެހެއްޓެނިވި ތަރައްގީއަށް މަގުހުޅުވިފައިވާއިރު މި މަގުން ދަތުރުކުރާ އަނެއް ދާއިރާއަކީ ބައިނަލް އަގްވާމީ ދަތުރު ފަތުރުގެ ނިޒާމެވެ.
މީގެ 100 އެއްހާ އަހަރު ކުރިއަށް ބަލާލަމާ ހިނގާށެވެ. ދަތުރު ފަތުރު އޮތީ އޭގެ އެންމެ ޅަފަތުގެ ދައުރުގަ އެވެ. އެންމެ ޝާހީ އިއްޒަތްތެރި ބޭފުޅުން އުޅުއްވީ އަތްގާޑިޔާތަކުގަ އެވެ. އާއްމު ރައްޔިތު މީހާއަށް އޭރު އޮތީ ފައިމަގުގައި އުޅުމެވެ.
އެ ދުވަސް ފާއިތުވެއްޖެ އެވެ. މިއަދުގެ މަންޒަރު މުޅިން ތަފާތެވެ. ކާރެއް ނުވަތަ ސައިކަލެއް ނުގެންގުޅޭ މީހަކު އަހަރުމެންގެ ތެރޭގައި ވެސް މަދުވާނެ އެވެ. މިއީ މިއަދުގެ ހަގީގަތެވެ.
ދެން އޮތީ ކުރިއަށް އޮތް މުސްތަގްބަލެވެ. އަންނަން އޮތް ދުވަސްތަކުގައި ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ ބަދަލުތަކަކީ މިހާރު ވެސް މާހިރުން ބަހުސް ކުރައްވާ މާއްދާއެކެވެ.
ކޮންމެއަކަސް އެނގޭ ކަމަކީ ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ދަތުރުފަތުރަށް ބޮޑު ބަދަލެއް އަންނާނެ ކަމެވެ. މީގެ 50 އަހަރާއި މިއަދާ ހުރި ތަފާތު ފަދައިން ކުރިއަށް އޮތް 50 އަހަރުގައި ވެސް އެ ތަފާތު ފެންނާނެ ކަމެވެ.
މިކަމާ ބެހޭގޮތުން ދިރާސާ ކުރައްވާ ފަރާތްތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެއްގަމު ދަތުރުފަތުރުގެ މުހިއްމުކަން ފަނޑުވެ ވައިގެ ދަތުރުފަތުރުގެ މުހިއްމުކަން އިތުރުވާނެ އެވެ. އެގޮތުން ކަރަންޓުން އޮޕަރޭޓްކުރާ އުޅަނދުތައް ގިނަވެ ދަތުރުފަތުރުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ވެސް އެތައް ގުނައެއް ކުޑަވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
"ބަސްތައް ވެސް އޮންނާނެ. އެކަމަކު މި ދާވަރުން އަހަރުމެން މިއޮތީ ކާބަން ފްރީ ނިޒާމަކަށް އަމާޒު ހިފާފައި،" ސައިންސްވެރިއަކު ދެންނެވި އެވެ.
އިންސާނުންނާ ނުލާ އޮޕަރޭޓް ކުރެވޭ އުޅަނދުތަކާއި ހައިޕަލޫޕް އަދި ސުޕަސޮނިކް ޖެޓްތަކަކީ ދަތުރުފަތުރުގެ މުސްތަގްބަލަށް މާހިރުން ކުރަހާފައިވާ ތަސައްވަރުގެ ހިއްސާތަކެވެ.
މި އާ ޓެކްނޮލޮޖީތަކާއެކު އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުން އިހުނަށް ވުރެ ފަސޭހަވެ، އެކަމަށް ހޭދަވާ ވަގުތު ވެސް ކުޑަވާނެ ކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ.
މި އިންގިލާބީ ބަދަލުގެ ފެށުން މިހާރު ވެސް ފެށިފައިވާ ކަމަށާއި ކަޅާއި ހުދުގެ އެ ތަސައްވަރުގައި ވަރަށް އަވަހަށް ކުލަ ޖެހިގެން ދާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.