ވެރިކަން ކުރާ ޕީއެންސީއަށް ވަގު ފޯމު ފުރައިގެން ވެއްދި އެތައް ހާސް މީހުން ސައްހަކަމަށް ނިންމައި، އެ ޕާޓީއަށް 13.3 މިލިއަން ރުފިޔާ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އީސީން ބުނިގޮތުގައި ސިޔާސީ ޕާޓީތައް ހިންގުމަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ފަސް ޕާޓީއަކަށް 27.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ. ފައިސާ ދޫކުރަން ނިންމާފައިވަނީ އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޕީއެންސީ އަށެވެ.

ވަގު ފޯމުތައް ވެސް ހިމަނައިގެން ޕީއެންސީއަށް ފައިސާ ދޫކުރަން އީސީން ނިންމާފައިވާއިރު، ވަގު ފޯމު ފުރައިގެން ޕާޓީއަށް މީހުން ވެއްދި ކަމަށް ޕީއެންސީން ވެސް ވަނީ އިއުތިރާފުވެފަ އެވެ. އަދި ގާނޫނާ ހިލާފަށް ޕީއެންސީގެ މެންބަރު ފޯމުތައް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ އޮފީހުގައި ފުރި ކަމަށް ހޯމް މިނިސްޓަރު ވެސް ވަނީ މަޖިލީހުގައި އިއުތިރާފުވެވަޑައިގެންފަ އެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ނިންމަވާފައިވާ ސިޔާސީ ޕާޓީތަކަކީ ދައުލަތުގެ ބަޖެޓު މިއަހަރަށް ފާސްކުރިއިރު، ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަވާ ޕާޓީތަކެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވާނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ.

އިލެކްޝަނުން ބުނީ ޑިސެމްބަރު 13 2023 ވަނަ ދުވަހު ބަޖެޓް ފާސްކުރިއިރު، ދިހަހާސް މެންބަރުން ހަމަވަނީ، އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، ޕީއެންސީ، އެމްޑީއޭ އަދި އަދާލަތު ޕާޓީގައި ކަމަށެވެ.

ފައިސާ ދޫކުރާ ޕާޓީތަކާއި އަދަދުތައް:

  1. ޕީއެންސީ: 13.3 މިލިޔަން ރުފިޔާ
  2. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 8.4 މިލިޔަން ރުފިޔާ
  3. ޖުމްހޫރީ ޕާޓީ(ޖޭޕީ): 2.6 މިލިޔަން ރުފިޔާ
  4. މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 1.7 މިލިޔަން ރުފިޔާ
  5. އަދާލަތު ޕާޓީ (އޭޕީ): 1.7 މިލިޔަން ރުފިޔާ

ފައިސާ ލިބޭ ޕާޓީތަކުގެ މެންބަރުންގެ އަދަދު:

  1. ޕީއެންސީ: 68،968 މެންބަރުން
  2. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ: 43،755 މެންބަރުން
  3. ޖުމްހޫރީ ޕާޓީ: 13،826 މެންބަރުން
  4. މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް: 9،210 މެންބަރުން
  5. އަދާލަތު ޕާޓީ: 9،049 މެންބަރުން

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ޕާޓީތަކަށް ފައިސާ ކަނޑައަޅާފައިވަނީ ބޮލަކަށް 193.23 ރުފިޔާގެ މަގުން ކަމަށެވެ. އެއީ ޖުމްލަ 144،808 ޕާޓީ މެންބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ.