ރާއްޖެއަށް 1000 މެޓްރިކް ޓަނުގެ ގޭސް ޝިޕްމެންޓެއް ގެނައުމަށް ބޭރުގެ ޕޭޕާ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި 260،000 ޑޮލަރު ދީގެން މޯލްޑިވް ގޭސް އިން ހިންގި ވައްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އައިސްފި އެވެ.

މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ މޯލްޑިވް ގޭސް އިން ގޭސް ގަތުމަށް ބޭރުގެ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާ ގެއްލިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ޕްރޮކިޔުމެންޓްގެ ކަންތައްތައް ކުރިއަށްގެންދަނީ ކަނޑައެޅިފައިވާ ޕޮލިސީތަކާ އެއްގޮތަށްތޯ ކަށަވަރުކުރަންޖެހޭ ކަމަށެވެ.

މަޖިލީހުގެ ސަމާލުކަމަށް މިއަދު މިކަން އަޔަސް "ހުރިހާ" އިން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މި ޖަރީމާގެ މައުލޫމާތު އާންމުންނާ ހަމައަށް ތިލަކޮށްދީފަ އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި ރާއްޖެއަށް ގޭސް ސަޕްލައިކޮށްދިނުމަށް އެ ކުންފުންޏަށް 13.1 މިލިއަން ރުފިޔާ ދިނުމަށް މޯލްޑިވް ގޭސް އިން ނިންމި އެވެ. އެނގިފައިވާގޮތުގައި އެޑްވާންސްގެ ގޮތުގައި އެ އަދަދުގެ 30 ޕަސެންޓަށްވާ ފައިސާ ވަނީ ދައްކާފަ އެވެ.

މިއީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހިނގި ކަމެކެވެ. އެ ދުވަސްވަރު ރާއްޖެއަށް ގޭހުގެ ދަތިކަން ދިމާވީ މިކަމުގެ ސަބަބުންނެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި އެ ކުންފުނިން ހުށަހެޅީ އެލްސީ ޓާމަށް އެކަން ކުރިއަށްގެންދިޔުމަށެވެ. މާނައަކީ ގޭސް ސަޕްލައިކޮށްދީ ނިމުމުން ފައިސާ ދެއްކުމެވެ. ނަމަވެސް މޯލްޑިވް ގޭސް އިން ނިންމީ ޓީޓީ ހަދައިގެން އެކަން ކުރިއަށްގެންދާށެވެ. ޓީޓީއަކީ އެޑްވާންސްގެ ގޮތުގައި ފައިސާދީގެން ތަކެތި ގަންނަ އުސޫލެވެ.

މޯލްޑިވް ގޭސްއަށް އެންމެ ފައިދާ ހުރިގޮތަކީ ވެސް އެލްސީ ޓާމަށް އެކަން ކުރިއަށްގެންދިޔުން ކަމަށްވާއިރު، އެހެން އެކަން ކުރެވެން އޮއްވައި އެޑްވާސްގެ ގޮތުގައި ފައިސާ ދިނުމަކީ ސުވާލު އުފެދޭ ކަމެކެވެ. އާންމުގޮތެއްގައި މިފަދަ ކަންތައްތައް ކުރަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމަށެވެ.

މިފަދަ ބޮޑު ޖަރީމާއެއް ހިންގިއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ނުބަލަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް މިކަން އެނގޭ ކަމަކަށް ނުވެ އެވެ. މި މައްސަލަ ބެލޭނެ އެއްވެސްގޮތެއް ނެތެވެ. މޯލްޑިވް ގޭސް އިން ދެ ލައްކައަށް ވުރެ ގިނަ ޑޮލަރު ގެއްލުނީ އެވެ.