ހޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ މޭގަން ފޮކްސްއާއި އޭނާގެ ކުރީގެ ބައިވެރިޔާ މެޝިން ގަން ކެލީގެ ފުރަތަމަ ދަރިފުޅު އުފަންވެއްޖެ އެވެ.

ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި މޭގަން އޭނާގެ ހަތަރުވަނަ ދަރިފުޅު ވިހާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. މީގެ ކުރިން މޭގަންގެ ކުރީގެ ބައިވެރިންނަށް ދަރިން ލިބިފައިވެ އެވެ.

މި ހަބަރު ޔަގީން ކޮށްދެމުން މޭގަންއާއި އެމްޖީކޭ ވެސް ވަނީ އެމީހުންގެ ސޯޝަލް މީޑިއާގައި ދަރިފުޅުގެ ފޮޓޯއަކާއެކު ޕޯސްޓެއް ހިއްސާ ކޮށްފަ އެވެ.

"ދަރިފުޅު އަހަރުމެންނާ ބައްދަލު ކޮށްފި" މޭގަންއާއި އެމްޖީކޭ އިންސްޓަގްރާމްގައި ވަކިވަކިން ކުރި ދެ ޕޯސްޓުގައި ވެސް ބުނެފައިވެ އެވެ.

މޭގަންއާއި އެމްޖީކޭއަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެ އިއުލާނަށްފަހު މާ ގިނަ ދުވަހެއް ނުވެ އެމީހުންގެ ގުޅުން ވެސް ނިންމާލި އެވެ.

އެހެން ނަމަވެސް އެކުގައި ހިއްސާކުރާ ދަރިފުޅު އުފަންވުމާއެކު އެ ދެމީހުން ވެސް ވަނީ ދެބަސްވުންތައް އެއްފަރާތްކޮށް ދަރިފުޅަށްޓަކައި އެއްގަލަކަށް އަރާފަ އެވެ.