އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލްއާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ހުށަހެޅުއްވި މައްސަލަ ނުބަލަން ފުލުހުން ނިންމައިފި އެވެ.

ފުލުހުންނަށް ހުށަހެޅި އެ މައްސަލަ އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް އޭސީސީން ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ބުނެ، ޝާމިލް ޖޭއެސްސީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެކެވެ.

މީގެއިތުރުން ޝާމިލް، އަޒްމިރަލްދާއަށް ނުފޫޒުފޯރުވަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ވެސް މައްސަލައެއް ހުށަހެޅި އެވެ.

ފުލުހުން ނިންމާފައި ވަނީ އަޒްމިރަލްދާ ހުށަހެޅި މައްސަލަތަކުގައި ޖިނާއީ ކުށުގެ އަމަލެއް ހިންގާފައިވާ ކަމަށް ބަލަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށެވެ.

އަޒްމިރަލްދާ އާއި އިތުރު ދެ ފަނޑިޔާރަކު ސަސްޕެންޑުކުރީ އޭސީސީން ޖިނާއީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެވެ. އެގޮތުން ފަނޑިޔާރު އަޒްމިރާލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އާއި މަހާޒް އަލީ ސަސްޕެންޑުކޮށްފައިވެ އެވެ. ފަނޑިޔާރުން ސަސްޕެންޑުކުރީ ފެބްރުއަރީ 26، ގަ އެވެ.

ޖޭއެސްސީން ވެސް އަޒްމިރަލްދާގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދެ އެވެ. މީގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލަ އާއި ސުޕްރީމް ކޯޓުގެ މަޖިލީހެއްގައި ހުތުރު ބަހުން ވާހަކަދެއްކެވި ކަމަށް ބުނާ މައްސަލަ ހިމެނެ އެވެ.

ފަނޑިޔާރުގެ ވަކީލުން ބުނާ ގޮތުގައި، ޖޭއެސްސީން މައްސަލަ ބަލަމުންދަނީ އިޖުރާއަތްތަކާއި ގާނޫނުއަސާސީއާ ހިލާފަށެވެ. އަދި ތަހުގީގު ރިޕޯޓުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.