ފުލުހުން ތަހުގީގު ކުރަމުން އަންނަ އިމިގްރޭޝަނާ ގުޅުންހުރި މައްސަލައިގާ ހައްޔަރުކޮށްފައިވާ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުގައި ބަހައްޓަން އަމުރުކުރީ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.
އެ މައްސަލައިގައި ޝަމްއާންގެ އިތުރުން ހައްޔަރު ކޮށްފައިވަނީ ތ. ބުރުނީ، މޫނިމާގޭ، އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލް، ކ. މާލެ، ގ. ހެޕީސައިޑް، އުމުރުން 37 އަހަރުގެ އިބްރާހީމް އަހްމަދު، ހަމަ އެ ގޭ، އުމުރުން، 47 އަހަރުގެ، ހަސަން ސަހެޝާން އަދި ކ. މާލެ، މ. ހަޒާރީވިލާ، އުމުރުން 40 އަހަރުގެ އަހްމަދު ލައްސާން އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާރު ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
ގަވައިދާ ހިލާފަށް އުޅޭކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއެއް ބަލާފާސްކޮށް ބަޔަކު ޑިޓެންޝަނަށް ގެންދިއުމަށްފަހު ދޫކޮށްލިއިރު، ބިދޭސީއެއްގެ އަތުގައިހުރި 530،000ރ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާންގެ ގެއަށް ގެންދިޔަކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.