ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ތާވަލް ނުކޮށް އޮއްވާ މަހެއް ވާން ގާތްވެއްޖެ އެވެ.
ޕީއެންސީގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިސްލާމިކް ބޭންކަށް އޭނާ ދައްކަވަންޖެހޭ ލޯނެއްގެ ފައިސާ ދެއްކުމަށް ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކަވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބު ސަލީމް ކިޔާ މީހެކެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ނަމަވެސް އެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން އަދިވެސް ތާވަލެއް ނުކުރެ އެވެ.
ގާނޫނުއަސާސީ ބުނާގޮތުން ސާބިތު ދަރަންޏެއް އޮވެ، އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ މަޖިލިސް މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ތާވަލް ނުކޮށް އޮތްއިރު, ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމުން އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ.
ފަނޑިޔާރު ސުއޫދުގެ ބަދަލުގައި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އައްޔަންކޮށްފަ އެވެ.