މިދިޔަ ހޯމަ ދުވަހަކީ މި ރޯދަމަހު މާލެ ސަރަޙައްދުގައި ފުރަތަމަ ފަހަރަށް 100 މެގަވޮޓަށް ވުރެ ގިނައިން ކަރަންޓު ބޭނުންކުރި ދުވަސް ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ރޯދަ މަސް ފެށުނުއިރު މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދިޔަ ނަމަވެސް މޫސުން ރަނގަޅުވެ، ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަަހައްދަކަށް ވެސް ވަނީ އަވިދޭން ފަށައިފަ އެވެ. އާއްމުކޮށް އެހެން އަހަރުތަކެކޭ އެއްގޮތަށް އިރުވައި މޫސުމުގެ ހޫނު ދުވަސްތައް މިހާރު މިވަނީ ފެށިފަ އެވެ.

މާލެއާއި ހުޅުމާލޭގައި މިދިޔަ ހޯމަދުވަހު ކަރަންޓު ބޭނުންކުރި މިންވަރަށް ބަލާއިރު އެއީ މިރޯދަމަހު ފުރަތަމަ ފަހަަރަށް 100 މެގަވޮޓަށް ވުރެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާ ދުވަސްކަން ފާހަގަކުރެވޭ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މާލޭ ސަރަޙައްދުގައި މެންދުރާއި ރޭގަނޑުގެ ވަގުތުގައި އެވަރެޖްކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އުޅެނީ 90 މެގަވޮޓުން މަތީގަ އެވެ.

ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މިހާރަށް ވުރެ ވެސް އިތުރުވާނެކަމަށް ލަފާކޮށްފަ އެވެ. އެހެންކަމުން ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ސްޓެލްކޯ އިން ވަނީ އަންގައިފަ އެވެ.

ރޯދަ މަހުގެ ކަރަންޓު ބިލަށް ސަރުކާރުން ގިނަވެގެން ދިހަ ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމާފައިވެ އެވެ.