މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސާސުގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ބޭނުންކުރަން ކަނޑައެޅުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ގާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 15 ވަނަ އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު އެވެ.

ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅިގެން، ކްރޮސް ސަބްސިޑީގެ އުސޫލުން ރަށްރަށާއި، ފަޅުފަޅާއި އަދި ބިންތައް ދޫކުރެވޭ ގޮތް އިތުރަށް ފަސޭހަ ކުރުމަށާއި ކައުންސިލްތަކުގެ އިހުތިސޯސުގައި ހިމެނޭ ރަށްތަކާއި ފަޅުތައް ވެސް ޓޫރިޒަމްގެ ބޭނުމަށް ދޫކުރަން ކަނޑައެޅުމުގެ ބާރު ރައީސަށް ދިނުމަށް ވަނީ ހިމަނާފަ އެވެ.

ޓޫރިޒަމާބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ޓޫރިޒަމް ޕްލޭން ހަދައި، އެތަންތަން ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ ބާރު އޮންނަނީ ކައުންސިލްތަކަށެވެ.

އެ ގާނޫނުގެ ހަތަރު ވަނަ މާއްދާއަށް ގެންނަ އެއް ބަދަލުގައި ބުނެފައި ވަނީ، މީހުން ދިރިއުޅޭ ރަށްރަށުގެ ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހުތިސޯސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

މި ބަދަލުގެ ސަބަބުން ވަކި ސިޔާސަތެއް ބަޔާންކުރުމެއް ނެތި، ނުވަތަ ކޮން ބާވަތެއްގެ މަޝްރޫއެއްކަން ކަނޑައަޅައި ބަޔާންކުރުމެއް ނެތި، ރައީސް ބޭނުންފުޅުވާ ބައެއް މަޝްރޫއުތަކާ ގުޅުވައިގެން ރަށްތަކާއި ފަޅުތަކާއި ބިންތައް ދޫކުރަން ފަހިވެގެން ދާނެ އެވެ.

މީގެ އިތުރުން ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުން ކަނޑައަޅާ ކޮންމެ ޕްރޮޖެކްޓަކާ ގުޅިގެންވެސް ދޫކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރުމުގެ އިތުރުން، ރިޒޯޓްތަކުގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް ފައިސާ ދެއްކުމަށް ލުއިދިނުމުގެ މުއްދަތު އަނެއްކާ ވެސް ހަ މަސް ދުވަހަށް އިތުރުކުރަން ބިލުގައި ހިމަނާފައިވެ އެވެ.

އަހަރަށް 1 ލައްކަ ޑޮލަރުގެ މަގުން ފައިސާ ދައްކާނަމަ، މިހާރު 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ މުއްދަތަށް އިތުރު 49 އަހަރާ ހަމައަށް އިތުރުކޮށްދެވޭނެ ކަމަށްވެސް އެ ބިލުގައިވެ އެވެ.

ކުރިން ގާނޫނުގައިވާ ގޮތުން، ރިސޯޓުތަކުގެ މުއްދަތު އިތުރުކުރަން ދައްކަން ޖެހޭ ފީއެއްގެ ގޮތުގައި މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދައްކަން ޖެހެނީ އެއް ލައްކަ ޑޮލަރެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ އެވެ. އަދި ހަ މަހަށް ވުރެ ދިގު މުއްދަތަކުން އެ ފައިސާ ދައްކާނަމަ، ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރުގެ ރޭޓުން ފީއެއް ދައްކަން ޖެހެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް މި ސަރުކާރުން އިސްލާހު ހުށަހެޅި ތިން ވަނަ ފަހަރެވެ.