ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4.9 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 481،966 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މާރޗް މަހާއި ހަމައަށް ޒިޔާރަތްކޮށްފައިވަނީ 459،373 ފަތުރުވެރިންނެވެ.

އެގޮތުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. އެއީ 62،278 ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާ އިން 48،651 އަދި އިނގެރޭސިވިލާތުން 48،364 ފަތުރުވެރިންނެވެ. މީގެ އިތުރުން ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި އިޓަލީ، ޖަރުމަން، އިންޑިއާ، ފްރާންސް، އެމެރިކާ، ޕޮލެންޑް އަދި ސްވިޓްޒަލޭންޑުންނެވެ.

ފަތުރުވެރިންގެ ތެރެއިން 69 ޕަސެންޓް ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 25.6 ޕަސެންޓް ފަތުރުވެރިންނެވެ.

ހޮޓާތަކުގައި 13،617 ފަތުރުވެރިން، ސަފާރީ އުޅަނދުތަކުގައި 11،803 ފަތުރުވެރިން އަދި އެހެނިހެން ތަންތަނުގައި 288 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.