ހަނގުރާމައަށް ފަހު ފަލަސްތީނުގެ ޣައްޒާ އަލުން އާރާސްތުކުރުމަށް އަރަބި ލީގުން އެކުލަވާލި ޕްލޭން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބަލައިގެންފި އެވެ.
އަރަބި ލީގުން މި ޕްލޭން ހުށަހަޅާފައިވަނީ ފަލަސްތީނުގެ ޣައްޒާ ހިފައި އެތަނުގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލުމަށް ފަހު އެތަން ތަރައްގީކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމުގެ ބަދަލުގަ އެވެ.
އިޒްރޭލުގެ 15 މަސްދުވަހުގެ ހަމަލާތަކަށްފަހު ޣައްޒާއަށް ހުށަހަޅާފައިވާ އަރަބި ޕްލޭނަށް ޔޫރަޕްގެ ގިނަ ގައުމުތަކުންވެސް ވަނީ ތާއީދުކޮށްފަ އެވެ.
އެގޮތުން ފްރާންސް، ޖަރުމަނު، އިޓަލީ އަދި އިނގެރޭސިވިލާތުގެ ފޮރިން މިނިސްޓަރުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ 53 ބިލިއަން ޑޮލަރުގެ އަގުގައި ޣައްޒާ އަލުން ބިނާކުރުމުގެ ޕްލޭނަށް އެ ޤައުމުތަކުން ތާއީދުކުރާ ކަމަށެވެ.
"މި ޕްލޭނުން ދައްކުވައިދެނީ ޣައްޒާ އަލުން ބިނާކުރުމަށް ޢަމަލީގޮތުން ކުރެވިދާނެ މަގެކެވެ. އަދި މި ޕްލޭން ތަންފީޒުކޮށްފިނަމަ، ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންގެ ނިކަމެތި ދިރިއުޅުމުގެ ޙާލަތު އަވަހަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތެވެ" ބަޔާނުގައި ބުނެފައިވެ އެވެ.
މި ޕްލޭން އެކުލަވާލާފައިވަނީ މިޞްރުގެ ފަރާތުންނެވެ. އަދި މި މަހު ކައިރޯގައި ބޭއްވި އަރަބި ލީގުގެ ސަމިޓެއްގައި އަރަބި ލީޑަރުން މި ޕްލޭން ފާސްކޮށްފައިވެ އެވެ.
ހޮނިހިރު ދުވަހުގެ ކުރިން، 57 މެންބަރުންގެ އޯއައިސީން ވެސް ވަނީ ސަޢޫދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވުނު ކުއްލި ބައްދަލުވުމެއްގައި މި ޕްލޭން ރަސްމީކޮށް ފާސްކޮށްފަ އެވެ.
މުސްލިމް ދުނިޔެ ތަމްސީލުކުރާ މި ޖަމާޢަތުން ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފަންޑިންގ މުއައްސަސާތަކަށް މި ޕްލޭނަށް ބޭނުންވާ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް ގޮވާލާފައިވެ އެވެ.
އަރަބި ޕްލޭން އެކުލެވިގެންވަނީ މައިގަނޑު ތިން މަރުޙަލާއެއްގެ މައްޗަށެވެ. އެއީ ވަގުތީ ފިޔަވަޅުތައް، އަލުން ބިނާކުރުން އަދި ވެރިކަން ހިންގުމެވެ. ފުރަތަމަ މަރުޙަލާ ދެމިގެންދާނީ ގާތްގަނޑަކަށް 6 މަސްދުވަހުގެ މުއްދަތަށެވެ. އަދި ދެން އަންނަ ދެ މަރުޙަލާ ހިނގާނީ ޖުމްލަ 4 އިން 5 އަހަރުދުވަހުގެ މުއްދަތަކަށެވެ.
މި ޕްލޭންގެ މަޤްޞަދަކީ އިޒްރޭލުން ހަލާކުކޮށްލާފައިވާ ޣައްޒާ އަލުން ބިނާކުރުމާއި، ސުލްޙަ އަދި ސަލާމަތްތެރިކަން ދެމެހެއްޓުމާއި، އަދި އެ ސަރަޙައްދުގައި ފަލަސްޠީނު އޮތޯރިޓީ (ޕީއޭ) ގެ ވެރިކަން އަލުން ޤާއިމުކުރުމެވެ.
ނަމަވެސް، އަރަބި ޕްލޭނަށް އެމެރިކާ އަދި އިޒްރޭލުން ވަނީ ފާޑުކިޔައި އިންކާރުކޮށްފަ އެވެ.