ކުކުޅުގެ ފައިތިލައަކީ ވެސް ކެއުން ހުއްދަ ކުކުޅުގެ ބައެއް. އެއީ ނަޖިހެއްނޫން. އެއްލާލަންޖެހޭ އެއްޗެއްނޫން. ދުނިޔޭގެ ބައެއް ގައުމުތަކުގައި ޚާއްސަ މުނާސަބަތުތަކުގައި އެ ބޭނުންކޮށްގެން ޚާއްސަ ކާނާއެއް ތައްޔާރުކޮށްގެން ކައިހަދާ. ކުކުޅު ފައިގައި ގިނަ ފައިދާހުރި މާއްދާތަކެއް ވެސްވޭ. އެންމެ ފާހަގަކޮށްލެވެނީ އަދި އެންމެ ގިނައިން ހިމެނެނީ ކޮލާޖަން. ފައިތިލަ ބޭނުންކޮށްގެން ތަފާތު ވައްތަރުގެ މީރުކާނާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދާ. ކުކުޅު ފައިތިލައިން ކާނާ ތައްޔާރުކުރާ ގޮތުގެ ސަބަބުން ހަށިގަނޑަށް ގެއްލުން ވެސް ލިބޭ.

އާންމުކޮށް ދިވެހިންގެ ތެރޭގައި ބޭނުންނުކޮށް ބުރިކޮށް އެއްލާލެވުނު ނަމަވެސް ކުކުޅުގެ ފައިތިލައަކީ ވެސް ހަލާލުގޮތުގައި ކަތިލައިފައިވާ ކުކުޅެއް ނަމަ ކެއުން ހުއްދަ ކުކުޅުގެ ބައެކެވެ. އެއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަރަށް ޚާއްސަ މުނާސަބަތުތަކުގައި ކައްކައިގެން ކައިހަދާ ޚާއްސަ ކާނާއެއް ވެސް މެ އެވެ.

އެ ގައުމުތަކުގެ ތެރޭގައި މެކްސިކޯ، ސައުތު އެފްރިކާ، އޭޝިއާ، ޖެމެއިކާ، ހިމެނެ އެވެ. އެ ގައުމުތަކުގައި ޚާއްސަ މުނާސަބަތުތަކުގައި "ސްޓްރީޓްފުޑް" ނުވަތަ މަގުމަތީގައި ތައްޔަރުކޮށް ވިއްކާ ކާނާއެއްގެ ގޮތުގައި ވެސް ބޭނުންކުރެވެ އެވެ. ކުކުޅު ފައިތިލައިގައި ހިމެނެނީ ހަން، ކާޓިލޭޖް، ޓެންޑަންސް އަދި ކަށްޓެވެ. އަދި އޭގައި ގިނަ އަދަދަކަށް ވިޓަމިންސް އަދި މިނަރަލްސް ހިމެނިފައިވެ އެވެ. ކުކުޅު ފައިތިލައިގައި ހަކަތަ، ޕްރޮޓީންސް، ފެޓްސް، ކާބޮހައިޑްރޭޓްސް، ކެލްސިއަމް، ފޮސްފަރަސް، ވިޓަމިން އޭ، ފޯލޭޓް ނުވަތަ ވިޓަމިންބީ ނުވައެއް ވެސް ހިމެނެ އެވެ.

ކުކުޅު ފައިތިލަ: ހަށިގަނޑަށް ފައިދާހުރި ގިނަ ބައިތަކެއް ހިމެނޭ

އޭގައި ހިމެނޭ ޕްރޮޓީންސްގެ 70 ޕަސެންޓްއަކީ ކޮލާޖަން އެވެ. ކުކުޅު ފައިތިލައިގައި ކޮލާޖަން ހިމެނޭ މިންވަރު އިތުރުވެފައިވާތީ އެއީ ސިއްހަތަށް ނުހަނު ފައިދާ އެކުލެވޭ ކާއެއްޗެއް ކަމަށް ވަނީ ހޯދިފައި އެވެ. ކޮލާޖަން ހިމެނޭ ކަނާ ކެއުމުން އިންސާނުންގެ ހަމާއި އަދި ކަށި ވަރުގަދަކޮށްދީ، ސިފަ ރީތިކޮށްދީ އަދި ބާރު ޖައްސައިދެ އެވެ.

ހޯދުންތަކުން ދައްކާގޮތުގައި ކޮލާޖަންގެ ސަބަބުން ހަންގަޑު އޮމާންވެ ރޫޖެހުން ކުޑަކޮށްދެ އެވެ. އަދި އާތުރައިޓިސްގެ ސަބަބުން ހުޅުތަކަށް ދިމާވާ މައްސަލަތައް ވެސް ކުޑަކޮށްދެ އެވެ. ހާއްސަކޮށް އިއްދައިން ކެނޑިފައިވާ މީހުންނަށް ދިމާވާ ކަށިފީވުމުގެ މައްސަލަތައް ކުޑަކޮށްދެ އެވެ.

ކުކުޅު ފައިތިލައިގައި ކޮލާޖަން ހިމެނޭ މިންވަރު އިތުރުވުމުން ގައިގަޔަށް ނާރާ ބަލިތަކަށް ވެސް ޝިފާއަކަށްވެ އެވެ. އެގޮތުން ހަށިގަނޑުގައި ހަކުރު ހިމެނޭ މިންވަރު ކޮންޓްރޯލް ކޮށްދިނުމަށް އެހީތެރިވެދެ އެވެ. އަދި ހިތުގެ ބަލިތަކުން ވެސް ދިފާއުކޮށްދެ އެވެ.

ފްލޮރޭޓަކީ ވެސް ކުކުޅު ފައިތިލައިގައި ހިމެނޭ ވަރަށް މުހިންމު މާއްދާއެކެވެ. ފްލޮރޭޓްގެ ސަބަބުން މާބަނޑު މީހުންނަށް ލިބޭ ދަރިފުޅު އައިބުވުމުން ސަލާމަތްކޮށްދެ އެވެ.

ކުކުޅު ފައިން އާންމުކޮށް ތައްޔާރުކުރާ ކާނާގެ ވައްތަރުތަކަކީ ސޫޕް، ސްޓޫ، އަދި ސައިޑް ޑިޝްތަކެވެ. މިނޫވެސް ތާފާތު އެތައް ވައްތަރެއްގެ ކާނާ އެއިން ތައްޔާރުކޮށް ކައިހަދަ އެވެ.

ކުކުޅު ފައިތިލަ ބޭނުން ކުރުމުން ދިމާވެދާނެ ސިއްހީ މައްސަލަތަކެއްވޭ

ކުކުޅު ފައިތިލަ: ސިއްޙީމިންގަނޑަށް ތައްޔާރު ނުކުރެވޭނަމަ ހަށިގަނޑަށް ގެއްލުންލިބޭ

ކުކުޅު ފައިތިލަ ކެއުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ތެލުލުން ނުވަތަ ޑީޕްފްރައި ކުރުމުގެ ސަބަބުން އޭގައި ޓްރާންސްފެޓް ގިނަވުމެވެ. ހަށިގަނޑުގައި ޓްރާންސްފެޓް ގިނަވުމުން ނާރުތައް ބްލޮކްވުމަށް މަގުފަހިވެ އެވެ. މީގެ އިތުރުން ޓްރާންސްފެޓްގެ ސަބަބުން ބައެއް ވައްތަރުގެ ކެންސަރު ޖެހުމަށް ވެސް މަގުފަހިވެ އެވެ.

ސާފުތާހިރުކަން ކުޑަ ސިއްހީ މިންގަނޑަށް ނުފެތޭފަދަ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ކުކުޅު ފައިތިލަ ކެއުމަކީ ސިއްހީގޮތުން ރަނގަޅުކަމެއް ނޫނެވެ. އަދި އޭގައި ހިމެނޭ ކުދި ކަށިތަކަކީ ކަރުގައި އެޅުމުގެ މައްސަލަ ދިމާވެދާނެ ކަމެއްކަމުން އެ ކެއުމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ އެވެ.