ސްޓިޕްލިން ނުވަތަ ތިކިޖަހައިގެން ކުރެހުމަކީ ވަރަށް ކަވި، ބުރަ އަދި ގިނަ ވަގުތު އެކަމަށް ހޭދަވާ މަސައްކަތެއް. އޭނާއަކީ ކުރެހުމަށް ލޯބިކުރާ މީހެއް. އެކަމަކު ދުވަހަކުވެސް އާމްދަނީ ހޯދުމުގެ ވިސްނުމުގައި އެކަން ކޮށްފައެއް ނުވޭ. ކޮވިޑަށްފަހު އޮންލައިން ޕޭޖެއް ހުޅުވައި، ތިކިޖެހި ކުރެހުމުގެ މަސައްކަތް މީހުންނަށް ދައްކަން ފެށި. އަދި އޭނާގެ އެހިތްގައިމު ކުރެހުންތަކަށް ގިނަބައެއްގެ ތައުރީފު ލިބެމުންދޭ. އާދައިގެ ކުރެހުމުން ފެށި ނަމަވެސް ތިކިޖެހި ކުރެހުމަށް ބަދަލުކޮށް ދުވަސްތަކަކަށްފަހު ޕޮއިންޓިލިޒަމް ވެސް އޭނާގެ ކުރެހުމުގެ ތެރެއަށް ވަނީ ތައާރަފުކޮށްފައި. އޭނާ ހިންގާ އޮންލައިން ޕޭޖްގެ ސަބަބުން އެ ހިތްގައިމު ކުރެހުންތައް މީހުންނަށް ފެނި، އާ ފުރުސަތުތައް ވެސް ލިބެމުންދޭ.

ސްޓިޕްލިން ނުވަތަ ތިކި ޖަހައިގެން ކުރެހުމަކީ ތަސްވީރަށް އިތުރު ފުރިހަމަކަން ގެނެސްދޭ ކަމެކެވެ. ލަސްލަހުން ރޮނގަކަށް ނުވާގޮތަށް އެއް ދުރުމިނެއްގައި ޖަހާ، މި ތިކިތަކުގެ ސަބަބުން ތަސްވީރުގައި އެކި ބައްޓަން ގެނުވައިދެ އެވެ. ރާއްޖޭގެ ގިނަބަޔަކު ތަރުހީބުދޭ މި މަސައްކަތަކީ ވަރަށް ކަވި، ބުރަ އަދި ވަރަށް ގިނަވަގުތު ހޭދަވާ ކަމެކެވެ.

އާދައިގެ ކުރެހުމުން ސްޓިޕްލިން މަސައްކަތައް ދެވުނު ފާތުމަތު ރައުފާއަކީ ސްޓިޕްލިންގެ މަސައްކަތުގައި ގިނަބައެއްގެ މަގްބޫލުކަން ހޯދަމުން އަންނަ މީހެކެވެ. ކުރެހުމަކީ އޭނާގެ ހޮބީ އެވެ. ކުރެހުމަށް ދެވިހިފާފައިވާ ރައުފާ، އެންމެ ކުޑައިރު ވެސް ކަރުދާސްކޮޅަކާއި ގަލަމެއް ނުވަތަ ފަންސުރެއް އަތުޖެހިއްޖެ ނަމަ، ކޮންމެވެސް ތަސްވީރެއް ކުރަހާލުމަކީ އޭނާގެ ތަބީއަތުގައި ހިފިފައިވާ އާދަ އެވެ. އޭގެ އިތުރުން ލެޓަރިން (ޑިޒައިންތަކަށް އަކުރުލިޔުން) އަކީ އޭނާގެ ދެވަނަ ހޮބީ އެވެ.

ރައުފާ ޕޮއިންޓިލިޒަމް ކުރެހުމެއްގެ މަސައްކަތް ކުރަނީ: އެއްދުރުމިނެއްގައި ޖަހާމިތިކިތަކުގެ ސަބަބުން ތަސްވީރުގައި އެކިބައްޓަން ގެނުވައިދޭ

އިސްކަންދަރު ސްކޫލުގައި ކިޔެވުމަށްފަހު އާއިލާއާއިއެކު އިންޑިއާއަށް ދިރިއުޅުން ބަދަލުކޮށް އޭނާގެ މަދަރުސީ ދައުރު ނިންމީ އެގައުމުގަ އެވެ. ކުރެހުމަށް އޭރު ވެސް އޭނާ މޮޅެވެ. އާޓުން އަބަދުވެސް މަތީ މާކްސް ލިބޭ ދަރިވަރެއްގެ ގޮތުގައިވި އެވެ. ސްކޫލް ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް އެކި ވަނަތައް ވެސް ލިބިފައިވެ އެވެ. ސްކޫލުގައި އުޅުނުއިރު ތިކި ޖަހައިގެން ލިޔެ ހެދި އެވެ. އަދި ސްކޫލުން ނެރޭ މެގަޒިންގެ ބަނޑޭރިގަނޑުގައި ތިކިޖަހައިގެ ސުރުޚީތައް ލިޔެހެދި އެވެ. ތިކި ޖަހައިގެން މަންޒަރު ކުރެހޭކަން އޭރު އެނގިފައި ނުވާ ކަމަށް އޭނާ ބުންޏެވެ

އޭނާ ކުރަހާ ކުރެހުންތައް އެފްބީއަށް ލުމުން ޓީޗަރުންނަށް ފެނިގެން ތައުރީފް ވެސް ކޮށްފައިވާ ކަމަށް ރައުފާ ބުންޏެވެ. އެހެން ނަމަވެސް އޭރު ކުރެހުމަކީ އޭރު އޭނާ އެހާ ސީރިއަސްކޮށް ނަގައިފައިވާ މަސައްކަތެއް ނޫނެވެ.

https://www.instagram.com/p/DF7XD6sppqg/

ސްކޫލް ނިމުމަށްފަހު ވައިގެ ދަތުރު ފަތުރާ ބޭހޭ ދާއިރާއަށް ވަނުމަށް ގަސްދުކޮށް އިންޑިއާގައި ހުރެ އައިއޭޓީއޭ (އިންޓަނެޝަނަލް އެއާޓްރެވަލަ އެސޯސިއޭޝަން) އިން ހިންގާ ފައުންޑޭޝާން އިން ޓިކެޓިން ކޯސް ފުރިހަމަ ކުރި އެވެ. އެއަށްފަހު ރާއްޖެއަށް ދިރިއުޅުން ބަދަލުވީ ފަހުން ޓީއެމްއޭ، ލެޝާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ސްރީލަންކަން އެއާލައިންސްގައި އޭނާ ވަނީ އަގުހުރި މަސައްކަތްތަކެއް ކޮށްފަ އެވެ.

އްޖޭގައި އާންމުކޮށް ހައްދާ މާތަކެއްގެ ކުރެހުމެއް: ތިކިޖަހައިގެން ސްކޫލްގެ މެގަޒިން ބޭރުގަނޑު ކުރެހުމުގެ މަސައްކަތް ރައުފާވަނީ ކޮށްފައި

އިންސްޓަގްރާމް ޕޭޖުން ކުރެހުމުގެ ދުނިޔެއަށް ނުކުމެވުނު

އެއްވެސްއިރެއްގައި ކުރަހައިގެން އާމްދަނީ ހޯދުމަށް އޭނާ ވިސްނައިފައެއް ނުވެ އެވެ. ކުރެހީ ހިތްހަމަޖެހޭތީ އެވެ. ހޮބީއަކަށް ވީތީ އެވެ. ނަމަވެސް ޒަވާޖީ ހަޔާތެއް ފަށައި، ކުދިން ލިބި ވަޒީފާއަށް ދާން އުޒުރުވެރިވި ހިސާބުން އޭނާގެ ދެ ހޮބީ އާމްދަނީ ލިބޭ މަސައްކަތަކަށް ބަދަލުކޮށްލަން ވިސްނުނެވެ. އެގޮތުން ފުރަތަމަ ފެށީ ލެޓަރިންގެ މަސައްކަތެވެ. އެކަމުގެ ތެރެއަށް ވަދެވުނީ ދޮށީ ދަރިފުޅުގެ ސްކޫލް ފޮތްތަކުގައި އަމިއްލައަށް ނަންކޮޅު ހެދުމަށް ފަށައިގަތް ހިސާބުންނެވެ.

އިހުޒަމާނުގައި ހިރިގަލުން ރާނައިފައިވާ ގެއެއްގެ ކުރެހުމެއް: ރައުފާގެ ކުރެހުންތަކަށް ގިނަބައެއްގެ ސަމާލުކަންވަނީ ހުއްޓިފައި

"ކޮވިޑް ފެށުމުގެ ކުރިން 2019 ގައި އިންސްޓާގްރާމްގައި ޕޭޖެއް ހަދައިގެން ފުރަތަމަ ލެޓަރިން ކުރިއަށް ގެންދިޔައީ. ކެންވަސްގައި އަރަބިކް ކެލިގްރަފީ އަދި އިންގްލިޝް ކެލިގްރަފީ ގޮތުގައި އެޕޭޖް ހިންގަމުން ގެންދިޔައީ. އެ މަސައްކަތަށް އޭރު އޯޑަރުވެސް ވަރަށް ގިނައިން ލިބުނު،" ރައުފާ ކިޔައިދިނެވެ.

https://www.instagram.com/p/C6Y8nUwpB1d/

ކޮވިޑަށްފަހު އާމްދަނީއެއް ލިބޭނެ ގޮތައް އޭނާގެ ޕޭޖް ހިންގަން ފެށި އެވެ. ތިކި ޖަހައިގެން މަންޒަރު ކުރަހަން ދަސްކޮށް ލެޓަރިން އާއެކުއެކީ ސްޓިޕްލިން ކުރެހުންތައް އެޕޭޖަށް ލުމުން ގިނަބައެއްގެ ތަރުހީބު އެޕޭޖަށް ލިބެން ފެށި އެވެ.

އޯޑަރަކަށް ތައްޔާރުކޮށްފައިވާ ފޮތުގެ ބަނޑޭރިގަނޑުތަކެއް: އާމްދަނީ ހޯދަން ކުރާކަމެއްގެ ގޮތުގައި ކުރަހަން ފެށީ ވަރަށް ފަހުން

ރައުފާގެ ހުނަރު އިތުރަށް ފުޅާކުރަން ފެށުން

މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބެން ފެށުމުން ރައުފާ ނިންމީ އޭނާގެ ހުނަރު އިތުރު ހަރުފަތަކަށް ގެންދިއުމަށެވެ. އެކަމަށްޓަކައި ރާއްޖޭގެ އާޓް ކޮމިއުނިޓީއިން ކޮންމެ އަހަރަކު ވެސް ބާއްވާ "އަންވެއިލިންގް ވިޝަން" ގައި ބައިވެރިވުމަށް ނަން ހުހެޅި އެވެ. ނަމަވެސް އެދުވަސްވަރު އޭނާގެ ބައްޕަ ބަލިވުމުގެ ސަބަބުން އެކަން ނުކުރެވި ދިޔަނަމަވެސް އެފަދަ މައުރަޒުތަކަކީ އޭނާ އެދާއިރާއަށް ނުކުންނަން އެންމެ ރަނަގަޅު ގޮތްކަމުގައި އޭނާއަށް ފެނުނެވެ.

https://www.instagram.com/p/DCRbhO-yeyx/

އަންވެއިލިން ވިޝަންގައި ބައިވެރި ނުވެވުނަސް މިދިޔަ އަހަރު ކުރީކޮޅު އޯގާ ރިސޯޓުން ހުޅުވާލި މޯލްޑިވިއަން ލޯކަލް އާޓިސްޓުންގެ ކުރެހުން ދައްކާލުމަށް ހުށަހެޅި 100 ވަރަކަށް ކުރެހުމުގެ ތެރެއިން އެ ރިސޯޓުން ހޮވި 30 ކުރެހުމުގެ ތެރޭގައި ރައުފާގެ ސްޓިޕްލިން ކުރެހުން ވަނީ ހޮވިފަ އެވެ. އަދި އެ ރިސޯޓް ޕްރޮމޯޓްކުރުމަށް އެ ކުރެހުން ބޭނުންކުރަން ފަށައިފަ އެވެ.

އޯގާ ރިސޯޓެއްގެ ކޮޓަރިއެއްގައި ރައުފާ ކުރަހައިފައިވާ މަޑިއެއްގެ ޕޮއިންޓިލިޒަމް ކުރެހުމެއް: ގިނަ މައުރަޒުތަކެއްގައި އޭނާގެ ކުރެހުން ބައިވެރި ކުރުމަކީ އުންމީދެއް

"ރިސޯޓުން ބުނެގައި އޮވޭ ރިސޯޓުން މަސައްކަތް ކުރާނަމޭ ކުރެހުންތައް ޕްރޮމޯޓް ކުރެވޭތޯ،" ރައުފާ ބުންޏެވެ.

ސްޓިޕްލިންގެ އިތުރުން ޕޮއިންޓިލިޒަމް (އެކި ކުލައިގެ މާކާސް ނުވަތަ އެކި ކުލައިގެ ގަލަން ބޭނުންކޮށްގެން ތިކި ޖަހައިގެން ކުރެހުން)އަކީ ވެސް ރައުފާގެ ކުރެހުންތަކަށް އިތުރުކުރި ބޮޅެކެވެ. ރައުފާގެ އުންމީދަކީ ކުރެހުމުގައި އިތުރު ކުރިއެރުން ހޯދުމެވެ. އެކަމަށް ބޭނުންވާ ވަގުތު އޭނާ ހޯދަ އެވެ.

ރައުފާ ކުރަހައިފައިވާ ޕޮއިންޓިލިޒްމް ކުރެހުމެއް: ރައުފާ މިހާރުވަނީ ކުލަތިކި ޖަހައިގެން ވެސް ކުރަހަން ފަށައިފައި

އިންސްޓަގްރާމް އަދި ޓިކްޓޮކްގައި "އިންކްސްބައިރައުފާ"ގެ ނަމުން ހިންގާ އެ ޕޭޖްގައި ހިމަނާ ކުރެހުންތައް ނިންމުމުގައި ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށާއި އެ މަސައްކަތުގައި އާއިލާގެ އެހީތެރިކަމަކާއި އެއްބާރުލުން ވަރަށް ބޮށޑަށް ލިބޭ ކަމަށް އޭނާ ބުންޏެވެ.

"ފިރިމީހާ އާއި ދަރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. އަދި ފާހަގަކޮށްލަން އާއިލާގެ ތެރެއިން ދެ ކޮއްކޮއެއް ހުންނާނެ އަޅުގަނޑުގެ މަސައްކަތުގައި ވަރަށް ރަނގަޅު އައިޑިއާސްދޭ،" މުސްތަގްބަލުގައި އަމިއްލަ ސޯލޯއެއް ބޭއްވުމަށް ވެސް ވިސްނާ ރައުފާ ބުންޏެވެ.