ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި އޮތް ޗައިނާގެ މުސްލިމް އާބާދީއަކީ ވެސް ބޮޑު އާބާދީ އެކެވެ. އެހެން ކަމުން ރަމަޟާން މަސް ފަދަ މުސްލިމުންގެ އީދުތަކަކީ އެގައުމަށް ވެސް ވަރަށް މުހިއްމު ދުވަސްވަރެކެވެ.
ހާއްސަކޮށް މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ޝާދިއަން އަވަށަކީ ރަމަޟާން މަހުގެ ރޫހު އެ އަވަށަކުން ވަރަށް ބޮޑަށް ފާހަގަވާ އަވަށެކެވެ.
ޝާދިއަންގައި ރަމަޟާން މަހުގެ ތަޖުރިބާއަށް ބަލާލާއިރު އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ކަމަކީ ޖަމާއަތުގައި ކެވޭ ހާރުދަމުގެ ކެއުމެވެ. އެ އަވަށަށް ޒިއާރަތްކުރާ ދަތުރުވެރިންނަށް ހާއްސަކޮށްގެން އަވަށުގެ ގޭގެއިން ކާތަކެތި ގެނެސްގެން ބާއްވާ އެ ކެއުމުގައި ދަތުރުވެރިންގެ އިތުރުން ރަށުގެ ރައްޔިތުން ވެސް ބައިވެރިވެ އެވެ.
ކޮންމެ ރެއެއްގެ ވެސް ހާރުދަމު އެއްގަޑިއިރަށް ކުރިއަށްދާ އެ ސުފުރާގައި ޗައިނާގެ ސަގާފީ ކެއުންތަކާއި އަމިއްލަވަންތަ ރަހަތައް އެކުލެވެ އެވެ.
ހާރުދަމުގެ އިތުރުން ރޯދަ ވީއްލުމުގައި ވެސް ޝާދިއަންގެ މުސްލިމުން ހަމަ އެފަދައިން ކަންތައް ކުރެ އެވެ. މިއީ މުޖުތަމައުގެ އެކުވެރިކަމާއި ބަދަހިކަން އިތުރުކޮށްދޭ ކަމެކެވެ.
އޭގެ އިތުރުން ދެން ރަމަޟާން މަހު ޝާދިއަންއިން ފާހަގަ ކުރެވޭ އަނެއް ކަމަކީ އެ އަވަށުގެ ބޮޑު މިސްކިތުގައި ޖަމާއަތުގައި ކުރެވޭ ނަމާދެވެ.
ކޮންމެ ނަމާދަކަށް ވެސް އެތައް ހާސް ބަޔަކު އެ މިސްކިތަށް އެއްވާއިރު އެ މިސްކިތުގައި ކުރެވޭ ނަމާދުން ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ކުރެވޭ ކަމަށް އެތަނުގައި ނަމާދުކުރި މީހުން ބުނެ އެވެ.
ކޮންމެއަކަށް ޝާދިއަންއަކީ ޗައިނާ މުސްލިމުންގެ މޫނުމަތި ކަމުގައި ބުނެވޭއިރު އެ އަވަށުން މި މާތް މައްސަރު ފެންނަނީ އެކުވެރިކަމާއި ބަދަހިކަމާއި އިސްލާމް ދީނަށްޓަކައި އެމީހުންގެ ހިތުގައި އޮތް ލޯތްބެވެ.