މާލެ ސަރަޙައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ރަމަޟާން މަސް ފެށުނު ދުވަހު މޫސުން ގޯސްވެ، ވިއްސާރަކުރި ނަމަވެސް މޫސުން ރަނގަޅުވެ، ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަަހައްދަކަށް ވެސް ވަނީ ވިއްސަރަ އަލިވާން ފަށައިފަ އެވެ. އާއްމުކޮށް އެހެން އަހަރުތަކެކޭ އެއްގޮތަށް އިރުވައި މޫސުމުގެ ހޫނު ދުވަސްތައް މިހާރު މިވަނީ ފެށިފަ އެވެ.

ސްޓެލްކޯ އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

މި ރޯދަ މަހުގެ ހަތަރުވަނަ ދުވަހު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރާ ގުޅޭގޮތުން ސްޓެލްކޯއިން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން ކަރަންޓް ބޭނުންކުރި މިންވަރު ވަނީ 92.3 މެގަވޮޓްއަށް އަރާފަ އެވެ. އެންމެ ޕީކް ވަގުތު ގޮތުގެ ގޮތުގައި ރެކޯޑްކުރެވިފައި ވަނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށެވެ.

މެންދުރާއި ރޭގަނޑުގެ ވަގުތުގައި އެވަރެޖްކޮށް ކަރަންޓު ބޭނުންކުރި މިންވަރު އުޅެނީ 80 މެގަވޮޓުން މަތީގަ އެވެ.

ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު މިހާރަށް ވުރެ ވެސް އިތުރުވާނެ ކަމަށް ލަފާކޮށްފަ އެވެ. އެހެންކަމުން ކަރަންޓު އިގްތިސާދުކޮށް، ކަރަންޓުގެ އިސްރާފު ވީހާ ވެސް ކުޑަކުރުމަށް ސަމާލުވުމަށް ވަނީ އިރުޝާދު ދެއްވާފަ އެވެ.

ރޯދަމަހު ކަރަންޓު ބިލަށް އަންނަ ބަދަލު ބެލުމަށް ސްޓެލްކޯއިން ވަނީ، މުޅި ރޯދަމަހުގެ 30 ދުވަހަށް ބިލް އަންނަ ގޮތަށް ރީޑިން ނަގާ ތާރީޚް ހަމަޖައްސާފަ އެވެ. މިގޮތުން މާޗް މަސް ނިންމައި ދެން ލިބޭ ބިލުގައި ރީޑިން ހިމެނޭނީ މާޗް 1 އިން 31ގެ ނިޔަލަށެވެ.