"މާސްޓާ ފުޑްސް" އިން އުފައްދާ ކްރީމީ ޗިކަން އަދި މަޝްރޫމް ކުކިން ސޯސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފި އެވެ.
އޮސްޓްރޭލިއާގެ "މާސް އޮސްޓްރޭލިއާ ޕްރައިވެޓް ލިމިޓެޑް" އިން އުފައްދާފައިވާ މި ސޯސްގައި ބިސް ހިމެނޭކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި މި އުފެއްދުމުގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ނުހިމެނޭތީ، އުފެއްދި ކުންފުނިން ވަނީ މި ސޯސްގެ ބެޗްތައް މާކެޓުން އަނބުރާ ގެންދިއުމަށް އަންގާފަ އެވެ.
ޑަބްލިޔުއެޗްއޯގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީޒް ނެޓްވޯކް މެދުވެރިކޮށް އެމްއެފްޑީއޭއަށް އަންގާފައިވާ ގޮތުގައި، މި ސޯސް ވަނީ ރާއްޖެއަށް ވެސް އެތެރެކޮށްފަ އެވެ. އެލާޖެންގެ މައުލޫމާތު ލޭބަލްގައި ނެތުމަކީ މި އުފެއްދުން ބޭނުންކުރާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
490 ގްރާމުގެ މި ފުޅީގެ ބާކޯޑަކީ 9310012042006 އެވެ. އަދި މިހާރު ބާޒާރުގައި ހުރި ބެޗްތަކުގެ މުއްދަތު ހަމަވާ ތާރީޚުތަކަކީ 17 ނޮވެމްބަރު 2025، 22 ޑިސެމްބަރު 2025، 16 ފެބްރުއަރީ 2026، 20 އޭޕްރިލް 2026 އަދި 15 ޖޫން 2026 އެވެ.