އެމްއައިބީއާއި އިހުސާން ފިހާރަ ގުޅިގެން 270،000ރ. ގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެމްއައިބީ އިން ބުނީ ރަމަޝާން މަހުގެ 1 އިން 30 އަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި އިހުސާން ފިހާރައިގެ 4 އައުޓްލެޓުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ހަތަރު ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން އިހުސާން ފިހާރައިން 200 ރުފިޔާއިން މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. އަދި ކޮންމެ ހަފްތާއަކު އިނާމު ލިބޭ ފަރާތްތަށް ހޮވުމަށްފަހު ކޮންމެ ފަރާތަކަށް ވެސް 1،000ރ. އިނާމެއްގެ ގޮތުގައި ލިބޭނެ ކަމަށް އެމްއައިބީ އިން ބުނެ އެވެ.

މީގެ އިތުރުން އިހުސާން ފިހާރައިން ވަނީ ފެބްރުއަރީ 20 އިން އޭޕްރިލް 20ގެ ނިޔަލަަށް އެ ފިހާރައިން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން 200 ރ އިން މަތިން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ގްރޭންޑް ޕްރައިޒެގެ ގޮތުގައި 3 ފަރާތަކަށް ބޮޑެތި އިނާމުތަކެއް ހުށަހަޅާފަ އެވެ. އެގޮތުން 1 ވަނަ އިނާމަކަށް 75،000ރ. ދެވަނަ އިނާމަކަށް 50،000ރ. އަދި 25،000ރ. ދޭނެ އެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް އިނާމު ލިބޭގޮތަށް މި ޕްރޮމޯޝަން ބައްޓަން ކުރުން. އިހުސާން ފިހާރައާއެކު މި ފެށި ޕްރޮމޯޝަންގެ ސަބަބުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިހުސާން ފިހާރައިގެ ކަސްޓަމަރުންނަށް މި ފުރުސަތު ލިބިގެން ދާނެ،" އެމްއައިބީގެ މީޑިއާ މެނޭޖަރު އަހުސަން ޖަމީލް ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގެ ދަށުން އިހުސާން ފިހާރައިން މާލޭގައި ހިންގާ ދެ ފިހާރައާއި ހުޅުމާލެ ފޭސް 2ގައި ހިންގާ ފިހާރައިގެ އިތުރުން ވިލިމާލޭ އިހުސާން ފިހާރައިން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން 200 ރ އިން މަތީގެ ހުރިހާ ވިޔަފާރިއަކަށް ކޫޕަން ލިބޭނެ އެވެ.

ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖް އިސްލާމިކް ބޭންކުން ދަނީ އެބޭންކުގެ ކަސްޓަމަރުންނަށް އަމާޒުކޮށް ގިނަ ޕްރޮމޯޝަންތަކެއް ހިންގުމަށް ތައްޔާރުވަމުނެވެ. އެބޭންކުން ވަނީ ރާއްޖެއަށް އަލަށް ފަސޭހަކަމާއެކު ޕީއޯއެސް މެޝިނުން ފައިސާ ދެއްކޭ ޓެގެއް ވެސް ތައާރަފްކޮށްފަ އެވެ.