މަޝްހޫރު އިނގިރޭސި ރެޕް ލަވަކިޔުންތެރިޔާ އެމިނެމްގެ ކޮންސެޓެއް އަންނަ ޖޫން މަހު އިންޑިއާގައި އޮންނާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެގައުމުގެ ނޫސްތަކުން މައުލޫމާތު ފަތުރަމުން ދާ ގޮތުގައި އެމިނެމްގެ ކޮންސެޓު އޮންނާނީ ޖޫން މަހުގެ ތިންވަނަ ދުވަހު މުމްބާއީގަ އެވެ.
އެމިނެމް އިންޑިއާގައި ޝޯއެއް ދޭން ނިންމާފައި މިވަނީ މިހާރު ކުރިއަށްދާ އޭނާގެ ވޯލްޑް ޓުއާގެ ތެރެއިން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އެމިނެމްގެ ޝޯއެއް އިންޑިއާގައި އޮންނާނެ ކަމުގެ ހަބަރުތައް ފެތުރުމާއެކު އެގައުމުގައި ތިބި އެމިނެމްގެ ސަޕޯޓަރުން އަންނަނީ އުފާ ފާޅު ކުރަމުންނެވެ.
އެ ކޮންސެޓު އޮންނާނެ ސީދާ ތަނެއް އަދި ޓިކެޓު ވިއްކަން ފަށާނެ ދުވަހެއް އަދި އެނގިފައި ނުވިނަމަވެސް އެ ކޮންސެޓަކީ ކާމިޔާބު ކޮންސެޓަކަށް ވާނެކަން މިހާރު ވެސް އެނގެ އެވެ.
އެމިނެމްގެ ލަވަތަކަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަގުބޫލު ލަވަތަކަކަށް ވާއިރު އިންޑިއާގައި ޝޯއެއް ބާއްވައިފިނަމަ އެގައުމުގެ އަވަށްޓެރި ގައުމުތަކުން ވެސް މީހުން އަންނާނެ ކަމަށް ބެލެވެ އެވެ.