ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނާކްޝީ ސިންހާ އެންމެ ފަހުން ބުރުގާ އަޅައިފި ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރެމުން އެބަދެ އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކެއްގައި ފެންނަނީ ސޮނާކްޝީއާއި އޭނާގެ ފިރިމީހާ ޒަހީރު އިގްބާލް ހަރަމްފުޅު ތެރޭގައި ހުއްޓި ހުންނަ މަންޒަރެވެ.

އޭގެ އިތުރުން ޒަހީރާއި ސޮނާކްޝީ އިހުރާމުގައި އުމްރާގެ އަޅުކަން އަދާކުރަން ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ޔޫޓިއުބްއަށް ވަނީ އަޕްލޯޑް ކޮށްފަ އެވެ.

މިފަދަ ފޮޓޯތަކެއް ދައުރުވަމުން ދިޔަ ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ހަބަރުތައް ބުނާ ގޮތުގައި އެއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން އުފައްދާފައިވާ ވީޑިއޯތަކެކެވެ.

މީގެ ކުރިން ވެސް ޒަހީރުއާ ކައިވެނި ކުރުމުން ސޮނާކްޝީ އިސްލާމްވެ ދީން ބަދަލުކުރި ކަމަށް ބުނާ ދޮގު ހަބަރުތަކެއް ވެސް ފެތުރުނެވެ.

ޒަހީރުއާއި ސޮނާކްޝީ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. އެއަށްފަހު ސޮނާކްޝީ އަންނަނީ އޭނާގެ ޒަވާޖީ ހަޔާތުގެ ބައެއް ކަންކަން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.