މިއަދާ ހަމައަށް ވެސް އެއްވެސް ކައިވެންޏެއް ނުކޮށް ހުރި ސަބަބު ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝްމިތާ ސެން އާއްމުންނާ ހިއްސާ ކޮށްފި އެވެ.

މިފަހުން ސުޝްމިތާގެ ސޯޝަލް މީޑިއާގައި އޮތް ފޭން އިންޓަރެކްޝަންއެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ވަނީ ކައިވެނީގެ ހިޔާލާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

މިހާރު އުމުރުން 49 އަހަރުގެ ސުޝްމިތާ ބުނީ ކައިވެންޏަކީ އޭނާގެ ސިކުނޑީގައިވާ ކަމެއް ކަމަށާއި އެހެން ނަމަވެސް މަޑުކުރަނީ ރަނގަޅު ބައިވެރިއެއް ލިބެންދެން ކަމަށެވެ.

"ކައިވެނި ކުރަން މީހަކު ވެސް ހުންނަން ޖެހޭނެ. ހަމަ އެހާ ފަސޭހައިން ވާ ކަމެއް ނޫންތާ އެއީ. ބުނެ އުޅެއެއްނު ކައިވެންޏަކީ ހިތާ ހިތުގެ ގުޅުމެކޭ. އެކަހަލަ މީހަކު ލިބުނީމަ ކައިވެނި ކުރާނަން" ސުޝްމިތާ ބުންޏެވެ.

އެހެން ކަމުން މިހާތަނަށް އެއްވެސް ކައިވެންޏެއް ނުކޮށް ހުރީ އޭނާއަށް ކަމުދާ ބައިވެރިޔަކު ފެނިފައި ނުވާތީކަން އޭނާގެ ވާހަކައިން ދޭހަވެ އެވެ.

އަމިއްލަ މިިނިވަން ދިރިއުޅުމެއް އުޅުމުގައި މަޝްހޫރު ސުޝްމިތާ ވަނީ މީގެ ކުރިން ލޯބީގެ ގޮތުން ބައެއް މީހުންނާ ގުޅިފަ އެވެ. އޭގެ ތެރޭގައި ރަންދީޕް ހޫޑާ، ރަހްމާން ޝޯލް އަދި ލަލިތު މޯދީ ހިމެނެ އެވެ.