މުނިފޫހި ފިލުވުމުގެ ދާއިރާއިން ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާ އެވޯޑުގެ މިއަހަރުގެ އިނާމުތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ ޗުއްޓީއެއް ހިމަނައިފި އެވެ.

އަންނަ މަހު ބާއްވާ އޮސްކާ އެވޯޑަށް ނޮމިނޭޓް ވެފައިވާ މީހުންނަށާއި އެވޯޑު ކާމިޔާބުކުރާ ފަރާތްތަކަށް ދެވޭ "ގިފްޓް ބޭގް"ގައި ހިމަނާފައިވަނީ ޖޯލި މޯލްޑިވްސްގެ ދެ ރިސޯޓެއްގެ ޗުއްޓީ އެވެ.

ޖޯލި މޯލްޑިވްސްއާއި ޖޯލި ބީންއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ދެ ރިސޯޓަށްވާއިރު، ޖޯލި ބީންއަކީ "ވެލް ބީންގް" ތީމަށް ތައްޔާރު ކޮށްފައިވާ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓެވެ.

އެގޮތުން އެ ރިސޯޓުތަކުގައި މީގެ ކުރިން ވެސް ދުނިޔޭގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ޗުއްޓީ ހޭދަ ކޮށްފައިވާކަން ފާހަގަ ކޮށްލެވެ އެވެ.

މިއަހަރުގެ "ގިފްޓް ބޭގް"ގައި ހިމެނޭ އިނާމުތަކުގެ ޖުމްލަ އަގު ދެ މިލިއަން ޑޮލަރަށްވުރެ ބޮޑުއިރު އޭގެ ތެރޭގައި ރާއްޖޭގެ ޗުއްޓީގެ އިތުރުން ވެސް އަގުބޮޑު ބިއުޓީ ޕްރޮސީޖާތަކާއި ލަގްޒަރީ ތަފާތު އައިޓަމްތައް ހިމެނެ އެވެ.

އެއާއެކު މިއަހަރު ލޮސް އެންޖެލަސްގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކަށް އެހީވާން އެއް މިލިއަން ޑޮލަރުގެ އިނާމެއް ވެސް އެ "ގިފްޓް ބޭގް"ގައިވެ އެވެ.

97 ވަނަ އެކަޑަމީ އޮސްކާ އެވޯޑު އަންނަ މަހުގެ ތިންވަނަ ދުވަހު އޮންނައިރު އެންމެ ގިނަ ނޮމިނޭޝަންތައް ލިބިފައިވަނީ ނެޓްފްލިކްސްގެ ފިލްމުތަކަށެވެ.