މިއަހަރުގެ ރަމަޟާން މަހު އިތުރުވާ ކަރަންޓު ކެޕޭސިޓީއާ އެއްވަރަށް ޚިދުމަތް ދޭން ސްޓެލްކޯއިން އިތުރު ޖަނަރޭޓަރުތަކެއް ބެހެެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.
މިފަހަރު ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ކެޕޭސިޓީ އިތުރުކުރުމުގެ މި މަސައްކަތް ކުރިއަށްގެންދަނީ ހުޅުމާލޭގަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ޕީއެސްއެމްއަށް ވިދާޅުވީ، އަންނަ ރަމަޟާން މަހު ގޭބީސީތަކުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ރަމަޟާން މަހު ޕީކްގައި 114 މެގަވޯޓަށް ކަރަންޓު ބޭނުންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަހުމީ މިއަހަރު އެ ކުންފުނިން އަންދާޒާކުރަނީ ޕީކް ގަޑިތަކުގައި 132 މެގަވޯޓަށް ކަރަންޓް ބޭނުންކުރާ މިންވަރު އަރައިގެންދާނެ ކަމަށެވެ. އެހެންކަމުން މިއީ 17 މެގަވޮޓްގެ އިތުރުވުމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން މިވަގުތު ހުޅުމާލޭގައި މިކުރާ މަސައްކަތަކީ ރޯދަމަހާ ދިމާކޮށް ހޫނު މޫސުން ވެސް މިއަންނަނީ. އަޅުގަނޑުމެން ތަންކޮޅެއް ލަހުން މި މަސައްކަތް ފެށި ސަބަބަކީ އަޅުގަނޑުމެންނަށް ބިން ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު. އެހެން ނަމަވެސް ސްޓެލްކޯއިން މިވަނީ މިކަމަށް ވާންޖެހޭ ހުރިހައި ތައްޔާރީތައް ވެފައި،" ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަސައްކަތް ރަމަޟާން މަސް ފެށުމުގެ ކުރިން ނިމޭނެ ކަމަށެވެ. އެގޮތުުން މިކަމަށް ބޭނުންވާ ޓްރާންސްފޯމަރާއި، އިންޖީނާއި ކޭބަލް މިހާރު އެ ކުންފުންޏަށް ލިބިފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް 8 ދުވަހުގެ ތެރޭގައި އިންޖީނުތައް އިންސްޓޯލްކޮށް ޚިދުމަތްދޭން ފެށޭނެ ކަމަށެވެ. އަދި މި ރޯދަމަހު ކެޕޭސިޓީ ނެތިގެން ކަރަންޓް ކަނޑާލާކަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ފަހުމީ ދެއްވި އެވެ.
ސްޓެލްކޯއިން މިތަނުގައި ބަހައްޓަނީ 13 މެގަވޯޓްގެ ދެ ޖަނަރޭޓަރެވެ.