ދިރާގުން އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް25ގެ މޮޑެލްތައް ރާއްޖޭގައި ލޯންޗުކޮށްފިއެވެ.

އެގޮތުން ލޯންޗުކޮށްފައިވާ މޮޑެލްތަކަކީ ސެމްސަންގެ ގެލެކްސީ އެސް25، އެސް25 ޕްލަސް އަދި އެސް25 އަލްޓްރާއެވެ.

މި ފޯނުތައް ރާއްޖޭގައި ލޯންޗުކޮށްދެއްވީ ސެމްސަންގް ސްރީލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިން ޑިރެކްޓަރު، ސެންގްވާ ސޯންގް އަދި ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަނެވެ.

ދިރާގު ހެޑް އޮފީހުގައި ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި، އެ ފޯނުތައް ޕްރީ-އޯޑާ ކުރި ކަސްޓަމަރުންނަށް ވަނީ ފޯނުތައް ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިރްޝާން ވިދާޅުވީ އޭއައި ޓެކްނޮލޮޖީ މުޅި ދުނިޔެއަށް ފުޅާވަމުންދާ ޒަމާނެއްގައި، ޒަމާނީ އޭއައި ޓޫލްސްއާއެކު އަލަށް ތައާރަފުކުރި ގެލެކްސީ އެސް25 ސީރީޒް ފަދަ ވަރުގަދަ ޑިވައިސްތަކަށް އެއާ އެކަށީގެންވާ ވަރުގަދަ ނެޓްވޯކެއް ވެސް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ ފޯނުތަކަށް އެންމެ އެކަށީގެންވަނީ ރާއްޖޭގެ އެންމެ ހަލުއި މޮބައިލް ނެޓްވޯކް ކަމަށްވާ ދިރާގު ނެޓްވޯކްކާމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިވަގުތު ދިރާގުން ދަނީ ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް 5ޖީ ނެޓްވޯކް ފޯރުކޮށްދެމުން ކަމަށް މިރްޝާން ވިދާޅުވިއެވެ. އަދި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެއަށްވުރެ ރަނގަޅުކޮށް، ޑިޖިޓަލް ދުނިޔޭގައި ކުރިއަށް ދިޔުމަށް ކަސްޓަމަރުން ބާރުވެރިކުރުވުމަށް، ނެޓްވޯކް އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސެންގްވާ ސޯންގް ވިދާޅުވީ ރާއްޖޭގައި ސެމްސަންގް ފޯނު ބޭނުންކުރާ ފަރާތްތައް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ކަސްޓަމަރުންނަށް ސެމްސަންގެގެ އެންމެ ފަހުގެ ވަސީލަތްތަކާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. މީގެ އިތުރުން 2015ވަނަ އަހަރުން ފެށިގެން ދިރާގާއި ސެމްސަންގާ ދެމެދު ގާއިމުކޮށްފައިވާ ޕާޓްނާޝިޕް ވަނީ ފާހަގަކުރައްވައިފައެވެ.

ދިރާގުން ވަނީ މި ފޯނުތައް ގަތުމަށް ޕްރީ-އޯޑާ ކުރި ފަރާތްތަކަށް ޚާއްސަ އޮފާތަކެއް ދީފައެވެ. އެގޮތުން ކަސްޓަމަރުން ގަންނަ ކޮންމެ ފޯނަކާއެކު 12 މަސްދުވަހުގެ ނިޔަލަށް ކޮންމެ މަހަކު 5ޖީބީ ހިލޭ ބޯނަސް ޑޭޓާ ވަނީ ދީފައެވެ. އަދި ކޮންމެ ފޯނަކާއެކު ހިލޭ ގެލެކްސީ ބަޑްސް، އެއްއަހަރުގެ ނިޔަލަށް ހިލޭ އެއްފަހަރު ސްކްރީން މަރާމާތުކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. މީގެ އިތުރުން ގޫގުލް ވަން ޖެމިނައި އެޑްވާންސްޑަށް ހަ މަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ވަނީ ދީފައެވެ.