ސަރުކާރުން ދިވެހި ކޮންމެ ގޭބިސީއަކަށް ރަމަޟާން މަހާ ދިމާކޮށް ބަހާ ކަމަށްވާ މަސްދަޅު ކޭސް، ދުވާލުގެ ގަޑިތަކުގައި ބެހުން މާލެ ސަރަހައްދުގައި ހުއްޓާލައިފި އެވެ.

މީގެ ކުރިން ދުވާލާ ރޭގަނޑު ވެސް މަސްދަޅު ކޭސް ބަހަން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނައިކަން ހާމަކުރައްވާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ކުރެއްވި އެކްސް ޕޯސްޓެއް ގައެވެ.

އާދަމް ޝަރީފު ހާމަކުރައްވާފައިވާ ގޮތުގައި މާލެ ސަރައްހަދުގައި ހޮނިހޮރު ދުވަހުގެ (22 ފެބްރުއަރީ 2025) ރެއިން ފެށިގެން މަސް ދަޅު ކޭސް 13 ތަނަކުން ބަހާނެއެވެ. އެގޮތުން ކުރިން ކަނޑައަޅާފައި ހުރި ތަންތަނުގެ އިތުރުން ގަލޮޅު ދަނޑުގެ ހަތަރު ފަރާތު ސިނޑި ބަރިތައް ހުރި ދިމާލުންނާ ސޯޝަލް ސެންޓަރުންނާ ހެންވޭރު ދަނޑުންނާ ހުޅުމާލެ 1 އަދި ހުޅުމާލެ 2 ގެ ވެސް އިތުރު ދެ ތަނަކުން މަސް ދަޅު ކޭސް ލިބެން ހުންނާނެ ކަމަށް ވަޒީރު ހާމަކުރައްވާފައި ވެއެވެ.

13 ތަނުން ކޮންމެ ތަނެއްގައި ވެސް ފަސް މޭޒަކުން ހިދުމަތް ލިބެން ހުންނާނެ ކަމަށްވެސް ހާމަކުރައްވާފައި ވެއެވެ. އަދި ދުވާލު ގަޑީގައި ހޫނު ގަދަވާނެ ކަމަށް ފެންނާތީ ދުވާލު ގަޑީގައި މަސްދަޅު ބެހުން ހުއްޓާލާ ދެން މަސްދަޅު ބަހާނީ ރޭގަނޑު ގަޑީގައި އެކަނި ކަމަށް ވެސް ވަޒީރުގެ ޕޯސްޓުގައި ވެއެވެ.

މީގެ އިތުރުން ކިޔުގައި ގިނަ އިރު ރައްޔިތުން ތިބެން ނުޖެހި މަސްދަލު ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށާ އަދި 28 ފެބްރުއަރީ އާ ހަމައަށް ހުރިހާ ގޭބިސީތަކަށް މަސްދަޅު ކޭސް ނުލިބޭނަމަ ހުރިހާ ގޭބިސީތަކަށް މަސްދަޅު ކޭސް ލިބެންދެން ސަރުކާރުން މަސްދަޅު ބަހާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.