ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ސޮނީ ޓީވީގެ ކްރައިމް ޝޯ "ސީއައިޑީ" ނެޓްފްލިކްސްއަށް އަންނަން ތައްޔާރު ވެއްޖެ އެވެ.
މީގެ ދެ ދުވަސް ކުރިން ނެޓްފްލިކްސްއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އިންޑިއާގެ އެންމެ ގިނަ ދުވަސްވީ އެއް ޓީވީ ޝޯ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނެޓްފްލިކްސްއިން ބަލާލެވޭނެ ކަމަށެވެ.
ޝިވާޖީ ސަތަމް، އަދިތާ ޝްރިވާސްތަވް އަދި ދަޔާނަންދު ޝެޓީ މުހިއްމު ރޯލުތަކުން ފެންނަ ސީއައިޑީއަކީ އިންޑިއާގެ މުޖުތަމައުގައި ހިނގާ ކުށްތަކުގެ ތަހުގީގު ދައްކުވައިދޭ ޝޯ އެކެވެ.
ނެޓްފްލިކްސް އިންޑިއާއިން ބުނެފައިވަނީ ސީއައިޑީގެ އާ އެޕިސޯޑުތައް ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހަކު ނެޓްފްލިކްސްއިން ބެލޭނެ ކަމަށެވެ.
ސީއައިޑީ ނެޓްފްލިކްސްއަށް އަންނަކަން އިއުލާން ކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަމުގެ އުފާ ފާޅު ކުރަމުންނެވެ.
ސީއައިޑީ އޯޓީޓީ ޕްލެޓްފޯމަށް އައިސްފައިވާއިރު މީގެ ކުރިން ކޮމީޑިއަން ކަޕިލް ޝަރްމާގެ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ" ވެސް ވަނީ ނެޓްފްލިކްސްގައި ދައްކަން ފަށައިފަ އެވެ.