2019 ވަނަ އަހަރު ވުޖޫދުވި ވިސްލް ބްލޯ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ޖޫރިމަނާއެއް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވިސްލްބްލޯވާ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން ހިންގާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ޖޫރިމަނާކޮށްފައިވަނި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އެވެ. އެ އިދާރާ ޖޫރިމަނާކޮށްފައިވަނީ ގާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ޕޯސްޓް އޮފީހުގެ މައްޗަށް ކުރި ދެ އަމުރަކަށް ތަބާވެފައިނުވާތީ އެވެ.

އެގޮތުން ޕޯސްޓު އޮފީހުގެ މުވައްޒަފަކު ވިސްލްބްލޯ ކުރުމުން އެ މުވައްޒަފު ވަޒީފާއިން ކަނޑަން އެ އިދާރާއިން މަސައްކަތް ފެށުމުން އެ މުވައްޒަފު ވަޒީފާއިން ކަނޑާނުލުމަށް އަންގާފައިވެއެވެ. އަދި އެހެން އަންގާފައި ވަނިކޮށް މުވައްޒަފު ވަޒީފާއިން ވަކިކުރުމުން މުވައްޒަފުގެ ވަޒީފާ އަނބުރާ ރުޖޫއަ ކުރަން ކުރި އަމުރަށް ވެސް ޕޯސްޓުން ތަބާވެފައި ނުވެއެވެ.

އެހެންކަމުން ޕޯސްޓް އޮފީސް ނުވަ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޕޯސްޓަށް ޖޫރިމަނާގެ އަމުރު ފޮނުވާފަ އެވެ.

ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ކުރާ އަމުރަކާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ، އަމުރާ އެއްގޮތަށް އަމަލު ނުކުރާ ތަންތަން އެއް މިލިއަނަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެ ޔުނިޓަށް ލިބެ އެވެ.

މިއީ ވިސްލްބްލޯވާ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން ހިންގާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ފަރާތުން އެއްވެސް އިދާރާއެއް ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ.

ޕޯސްޓުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައި ވެއެވެ. އެ މައްސަލަތަކުގެ ތެރޭގައި ޕޯސްޓު އޮފީހުގެ އެމްޑީ ނުގަވާއިދުން ބޮޑު މުސާރަ ނަގާ މައްސަލަ ހިމެނެ އެވެ.