އީދާ ދިމާކޮށް ކުރިއަށް ގެންދާ "އީދު އަލި" ހަރަކާތުގެ ދަށުން އަންނަ ފިތުރު އީދުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް އިތުރު 2 ރަށް ދިއްލާލުމަށް 28 މިލިއަން ރުފިޔާ ކަރަދުކުރަން ނިންމާފައިވާ ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުންމިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ވިދާޅުވީ މިދިޔަ އަހަރު ކުރިއަށްގެންދިޔަ ގޮތަށް އީދު ހަރަކާތްތައް މިފަހަރު ވެސް ކުރިއަށް ގެންދިޔުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާ އެއްގޮތަށް ކުރިއަށްގެންދާ "އީދު އަލި" ހަރަކާތް މިދިޔަ އަހަރު މާލޭގެ އިތުރުން ކުރިއަށްގެންގޮސްފައި ވަނީ ކޮންމެ އަތޮޅެއްގެ ވެސް ވެރިކަންކުރާ ރަށުގަ އެވެ. މިއަހަރު ވެސް އެހަރަކާތް ކުރިއަށްގެންދާ އިތުރު ރަށްތައް ކަނޑައަޅާފައިވަނީ އާބާދީގެ ނިސްބަތަށް ބަލައިގެންކަމަށް އާދަމް ވިދާޅުވި އެވެ.

"މިދިޔަ ފަހަރު އަޅުގަނޑުމެންނަށް ލައިޓުތައް ފޮނުވުނީ މައިގަނޑުގޮތެއްގައި އަތޮޅުވެރިކަން ކުރާ ރަށަށް. އޭގެ އިތުރުން މިފަހަރު އަޅުގަނޑުމެން ކޮންމެ އަތޮޅަކުން ވެސް ދެ ރަށަކަށް އީދު ލައިޓު އެބަ ފޮނުވަން. އައްޑޫ އާއި ފުވައްމުލަކުގެ ވަކި ރަށްތަކަށް ކުރިން ވަނީ ލައިޓުތައް ފޮނުވާތީ، ދެން ހުރި އަތޮޅުތަކުން 36 ރަށަކަށް ލައިޓް އެބަ ހަދިޔާކުރަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން،" މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ވިދާޅުވީ މި ހަރަކާތަކީ ރައްޔިތުންގެ ތަރުހީބު ލިބިފައިވާ ހަރާކާތަކަށްވުމާއި އެކަމަށް ހަދިޔާކުރާ ލައިޓްތަކަކީ ރަށްރަށާއި ކައުންސިލްތަކަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު އެކި ކަންކަމަށް ބޭނުން ކުރެވޭނެ ތަކެއްޗަށްވުމުން ރައްޔިތުންގެ ހިންހަމަޖެހުމަށް ކުރާ އެފަދަ ހޭދައަކީ މުހިއްމު ހޭދައެއްކަމަށް ދެކޭ ކަމަށެވެ.