ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މަރުކަޒީ ބޭންކު އެމްއެމްއޭ އިން އެކުލަވާލަމުން އަންނަ ބޭރު ފައިސާއާ ބެހޭ އާންމު ގަވައިދަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި އެވެ.
މިދިޔަ އަހަރު އަމަލު ކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ގަވައިދުގެ މަސައްކަތް އެމްއެމްއޭއިން ދަނީ ކުރަމުންނެވެ.
އެމްއެމްއޭއިން އިއްޔެ ވަނީ އެ ގަވައިދުގެ ޑްރާފްޓު އާންމުކޮށް، އެއަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފަ އެވެ.
މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުން ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކުރުމާއި މާރުކުރުން އަދި ގާނޫނާ ހިލާފުވާ ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އަދި މި ކަމާ ގުޅުން ހުރި އެހެނިހެން ކަންކަމާ ބެހޭ އުސޫލުތަކާއި އިޖުރާއަތު ކަނޑައެޅުން ހިމެނޭ ކަމަށް ވެސް އެ އޮތޯރިޓީ އިން ބުނެ އެވެ.
އެމްއެމްއޭއިން ބުނީ އަންނަ އާދިއްތަ ދުުވަހުގެ މެންދުރު 1ގެ ކުރިން އެ ގަވާއިދުގެ ޑްރާފްޓަށް ހިޔާލު ހުށަހެޅޭނެ ކަމަށެވެ. ހިޔާލު ހުށަހެޅުމަށް އީމެއިލް ފޮނުވާނީ [email protected] އަށެވެ.
ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވާލާ އަމަލުކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އެ ގާނޫނު އެކުލަވާލީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާ ބެހޭ އުސޫލުތަކާއި، އެނޫން ވެސް ބޭރު ފައިސާއާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގަން ބޭނުންވާ ކަމާ ބެހޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމްކުރުމަށެވެ.